ނޫސް ބަޔާން: ކާނަލް ރޓ. މުޙައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީފުޅާ ގުޅޭ!

ނޫސް ބަޔާން: ކާނަލް ރޓ. މުޙައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީފުޅާ ގުޅޭ!

ނަންބަރު: AP/PR/2017/11
ނޫސް ބަޔާން

ކާނަލް ރޓ. މުޙައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީފުޅާ ގުޅޭ!

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރޓ. މުޙައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރުން، އެވަގުތު ރައީސް ޔާމީނުގެ ކެބިނެޓުގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޭރުގެ ޓުއަރިޜަމް މިނިސްޓަރ އަދި ފަހުން ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބްގެ މަޤާމުވެސް ފުރުއްވި އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވަނިކޮށް، އެކަމުގެ ޙަޤީޤަތް އެނގިވަޑައިގަންނަވާކަމަށާއި އެ ހަތިޔާރާއި ކާނަލް ރޓ. މުޙައްމަދު ނާޒިމާ އެއްވެސް ގުޅުމެއްނެތްކަމަށް ބަޔާންކުރައްވައި، އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރައްވާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީފުޅާގުޅިގެން މައްސަލައިގެ ޙަޤީޤަތް މުޅިން ސާފުވެގެން ގޮސްފައިވާތީ، ކާނަލް ރޓ. މުޙައްމަދު ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ޢަދާލަތު ޕާޓީން ނުދެކެމެވެ. ހަމައެއާއިއެކު، ޤާނޫނީ ހަމަތަކުގެ މަތިން މި މައްސަލައިގެ އިސްތިއުނާފީ އިޖުރާޢަތްތައް ފުރިހަމަކޮށްފައިނުވާކަންވެސް ފާހަގަކުރަމެވެ. އެހެންކަމުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ވަގުތުން ކާނަލް ރޓ. މުޙައްމަދު ނާޒިމް މިނިވަންކުރުމަށް ކަމާގުޅޭ އެންމެހައި ފަރާތްތަކަށް ގޮވާލަމަވެ.
18 ޖަނަވަރީ 2015 ވަނަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކާނަލް ރޓ. މުޙައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ހަތިޔާރު ފެނުނުކަމަށް އަޑުފެތުރުނު ވަގުތުން ފެށިގެން ޢަދާލަތު ޕާޓީއާއި، ވަކިން ޚާއްސަކޮށް ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޙް ޢިމްރާން ޢަބްދުﷲ، ކާނަލް ރޓ. މުޙައްމަދު ނާޒިމް ގެ ދިފާޢުގައި އަޑުއުފުއްލަވަމުން ގެންދެވީ، މައްސަލަ ހިނގާދިޔަގޮތުންނާއި އަދި އެ މައްސަލަ އާއި ގުޅިގެން ލިބިފައިހުރި ކަށަވަރު މަޢުލޫމާތަށް ބަލާއިރު އެކަމަކީ އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ފަދައިން ރޭވުމެއްގެ ދަށުން ދިވެހި ދައުލަތުގެ މުއައްސަސާތައް ނުހަމަގޮތުގައި ބޭނުންކޮށްގެން ކާނަލް ރޓ. މުޙައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށްލުމަށް ހިންގާފައިވާ ޤާނޫނާ ޚިލާފު ޖަރީމާއެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭތީއެވެ.
ހަމައެހެންމެ ޢަދާލަތު ޕާޓީގެ ޙިއްސާ އޮވެގެން ކުރެވުނު ނުހަނު ބުރަ މަސައްކަތުން އެކުލަވާލެވުނު ރައީސް ޔާމީނުގެ ސަރުކާރަށް ކުރަމުންގެންދިޔަ ތާއީދު، 6 މާރޗް 2015 ވަނަ ދުވަހު އަނބުރާގެނެސް، 16 މާރޗް 2015 ވަނަ ދުވަހު ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނެރުނު ޤަރާރުން ބާރުލިބިގެން، ހަމަމަގުން ކަސިޔާރުވެފައިވާ ރައީސް ޔާމީނުގެ ސަރުކާރު ހަމަމަގަށް އެޅުވުމަށް، ޢަދާލަތު ޕާޓީއާ ދެމެދު ނުހަނު ބޮޑަށް ވާދަވެރިކަން އުފެދިފައި ވަނިކޮށްވެސްމެ، ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން މަސައްކަތް ފަށާ، ސަރުކާރާ ދެކޮޅަށް މިހާތަނަށް ދިވެހިރާއްޖޭގައި ކުރެވުނު އެންމެ ބޮޑު އިޙްތިޖާޖު ޢަދާލަތު ޕާޓީ އިސްވެ އޮވެ، 1 މެއި 2015 ވަނަ ދުވަހު ކުރަން ޖެހުނު އެންމެ މުހިންމު އެއް ސަބަބަކީ ވެސް މި މައްސަލާގައި އެއްވެސް ހަމައެއް އުސޫލެއްނެތި އަނިޔާވެރިކަމާއެކު ޢަމަލު ކުރަމުން ގެންދިޔުން ކަމުގައި ފާހަގަކުރަމެވެ.
ކާނަލް ރޓ. މުޙައްމަދު ނާޒިމްގެ މައްޗަށް ހިންގުނު ބޭއިންސާފު ޝަރީޢަތާ ޢަދާލަތު ޕާޓީ އާއި ސީދާ ގޮތުން ގުޅުމެއް ނެތްނަމަވެސް މި މަސައްކަތް އިސްވެ ދެންނެވި ގޮތަށް ކުރަން މަޖުބޫރުވީ، އެއްވެސް ޙައްޤަކާނުލާ ފަރުދަކު ހިފާހައްޔަރުކޮށް ޙައްޤުތައް ނިގުޅައިގަނެ އަނިޔާވެރިކަން އިސްކުރާ ހިނދު އެކަން ހުއްޓުވަން މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަން ޢާންމުވެ އެއްވެސް ފަރުދަކަށްވެސް އަދި ޖަމާޢަތަކަވެސް އަމާންކަން ކަށަވަރު ނުވާހިސާބަށް މުޖުތަމަޢުގެ ކަންކަން ހަމައިން ނެއްޓިގެން ދާނެތީއާއި، އަދި ފަހުން އެފަދަ ކަންކަމުން ޤައުމު ސަލާމަތްކުރުމަށް ވާންޖެހޭނެ ޤުރުބާނީއާއި ދައްކަންޖެހޭނެ އަގު އެތައްގުނައެއް ބޮޑުވާނެތީ އެވެ. ހަމައެހެންމެ ޢަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ފުރިހަމަ އިސްލާމީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމު ކުރުމަކީ ޢަދާލަތު ޕާޓީގެ އެންމެ މުހިންމު އެއް މަޤުޞަދުކަމަށް ވެފައި، ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން ކުރިއެރުވުމަށްޓަކައި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް ޢަދުލުއިންސާފު ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން ލާޒިމު ކަމަކަށްވާތީ ވެސްމެއެވެ.
ކާނަލް ރޓ. މުޙައްމަދު ނާޒިމްގެ މައްޗަށް ހިންގުނު ބޭއިންސާފު ޝަރީޢަތާ ގުޅޭގޮތުން ޢަދާލަތު ޕާޓީން ދައްކަމުންގެންދިޔަ ވާހަކަތައް ރައީސް ޔާމީނަށް ތާޢީދުކޮށްގެން ތިބި ފަރާތްތަކަށް ވިސްނައިދިނުމުގައި އެއިރު ކާމިޔާބު ނުވިކަމުގައިވިޔަސް، ފާޅުގައި އަނިޔާވެރިކަން ދިފާޢުކުރަން ބޭނުންވާފަރާތްތައް ފިޔަވާއި އެހެން ފަރާތްތަކަށް، ޢަދާލަތު ޕާޓީ އާއި ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޙް ޢިމްރާން ޢަބްދުﷲ ފާޅުކުރެއްވި ވާހަކަފުޅުތަކަކީ ތެދު ޙަޤީޤަތްކަން މިވަގުތު ކަށަވަރުވާނެ އެވެ. ޙައްޤާއި ޢަދުލުއިންސާފަށް ގޮވާލުމާއި، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅުވެރިވެ އިންކާރުކުރުމުގައި ދެގޮތެއްނުވެ ޢަދާލަތު ޕާޓީ ދެމިއޮންނާނެކަން، ޢަދާލަތު ޕާޓީގެ އެންމެހައި މެންބަރުންނަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް މިފުރުޞަތުގައި ޔަޤީންކޮށްއަރުވަމެވެ.

7 ޝައްވާލް 1438
1 ޖުލައި 2017