• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ސަރުކާރާއި ސަރުކާރުހިންގާ ޕާޓީތަކުގެ ބައެއް އިސްވެރިން ދައްކަވަމުން ގެންދަވާ ޙަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅޭ

ޖޫން 19, 2015

 

ސަރުކާރުން ހިންގަމުންއަންނަ ސިޔާސަތުތަކާއި އަޅަމުންއަންނަ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްކަން ޙައްލުކޮށް ރައްޔިތުނަށް މަންފާހުރި މަގަކުން ޤައުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށްޓަކައި ވާދަވެރި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ސަރުކާރަށް އެންމެ ފުރަތަމަ ގޮވާލެއްވީ ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް އިމްރާން ޢަބްދުﷲ އެވެ.

މަޝްވަރާގެ މޭޒަށް ވަޑައިގެންނެވުމަށް ވާދަވެރި ސިޔާސީ ލީޑަރުން ތަކުރާރުކޮށް ގޮވާލެއްވި ގޮވާލެއެއްވުންތަކަށް އެކިފަހަރު އެކިގޮތަށް ޖަވާބުދެއްވުމަށްފަހު ރަސްމީކޮށް މަޝްވަރާތަކުގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރުގެ ފަރާތުން ޢަދާލަތު ޕާޓީއަށް ލިބުނުހިނދު، އެއްވެސް ފަސްޖެހުމެއްނެތި ޢާދާލަތު ޕާޓީން ވަނީ އެކަމަށް މަރުޙަބާ ކިޔައި ޢަދާލަތު ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ސަރުކާރަށް ފޮނުވާފައެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްވެސް ޝަރުޠެއް ޢަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިކޮށްފައެއްނުވާނެއެވެ. ނަމަވެސް މި ޕާޓީއިން ފޮނުވި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ނުޙައްޤުން ބަންދުކޮށްފައިވާ މިޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް އިމްރާން ޢަބްދުﷲ މަޝްވަރާތަކުގައި ބައިވެރިނުކުރާނެކަން ސަރުކާރުން ވަނީ އަންގާފައެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވުމަށް ޢަދާލަތު ޕާޓީން ޝަރުތުތައް ކުރިމަތިކުރުވާކަމަށް ދޭހަވާގޮތަށް ސަރުކާރާއި ސަރުކާރުހިންގާ ޕާޓީތަކުގެ ބައެއް އިސްވެރިން ޙަޤީޤަތާ ޚިލާފު ވާހަކަތައް މީޑިޔާ މެދުވެރިކޮށް ދަނީ ފަތުރަމުންނެވެ. މިއީ މި ޕާޓީއިން ވަރަށް ބޮޑަށް ކުށްވެރިކުރާކަމެވެ. މިއީ މަޝްވަރާތަކަށް ސަރުކާރުން ގޮވާލާފައިވާ ގޮވާލުމުގެ ރޫޙާމެދު ސުވާލުއުފެދޭ ކަމެކެވެ. އަދި މިފަދަ ނޭއްގާނީ ޢަމަލުތަކުގެ ސަބަބުން މަޝްވަރާތަކަށް ހުރަސްއެޅިދާނެތީ މިޕާޓީން އިންތިހާޔަށް ކަންބޮޑުވަމެވެ.

އަދި ދަންނަވަމެވެ. ޖިނާއީ ޙުކުމެއްގެ ސަބަބުން ވިޔަސް ނުވަތަ އެނޫންގޮތަކުން ވިޔަސް ބަންދު ކޮށްފައި ހުރި ސިޔާސީ ލީޑަރަކާއެކު މަޝްވަރާކުރުމަކީ އިސްލާމީ ޝަރީޢަތާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފުކަމެއްނޫނެވެ. އެއީ ދުނިޔޭގެ ބޮޑެތި އިސްލާމީ އަދި ޑިމޮކްރެޓިކް ޤައުމުތަކުގައި ޢަމަލުކުރަމުންއަންނަ އުސޫލެއްވެސްމެއެވެ. އެހެންކަމުން ޤައުމަށް މެދުވެރިވެފައިވާ ޙުޠޫރަތްތެރި ޙާލަތުން ޤައުމު ސަލާމަތްކޮށް ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށްޓަކައި ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ލީޑަރުންނާ މަޝްވަރާނުކުރުމަށް ސަރުކާރުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް އުޒުރުތަކެކެވެ. އަދި އެއީ ބިނާކުރަނިވި މަޝްވަރާއެއް ކުރިޔަށްގެންދިޔުމަށް ސަރުކާރުން ޖެހިލުންވާކަން ދޭހަވާކަމެކެވެ.

ޢަދާލަތު ޕާޓީން ދެކޭގޮތުގައި މަޝްވަރާތަކުގައި އެޕާޓީއަކުން ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު، މަޝްވަރާތަކުގައި ބައިވެރިވާ ކޮންމެ ޕާޓީއަކަށްވެސް ލިބިގެންވެއެވެ. އަދި އެކަމަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވުމަކީ ޕާޓީތަކުގެ މުސްތަޤިއްލުކަމަށް އުނިކަންލިބޭ، ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފުކަމެއްކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަކީ ޢަދާލަތު ޕާޓީއިން އަބަދުވެސް މަރުޙަބާކިޔާ ކަމެކެވެ.

[pdf-embedder url=“https://www.adhaalath.org.mv/wp-content/uploads/2015/06/AP.PR_.2015.14-Regarding-Political-Dialogue.pdf“]

Download PDF

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress