ނޫސް ބަޔާން: އިސްލާމް ދީނަށް ތައުހީނުކޮށް، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމުގެ ސަބަބުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކްގެ ރަޖިސްރީ ބާޠިލް ކުރުމަށް ދިވެހިސަރުކާރުން ނިންމުމާއި ގުޅޭ
الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ފަރުދީގޮތުން ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމްކޮށްފައިވާ އެންމެހައި ކަންކަމާއި، ވަކިން ޚާއްސަކޮށް އެމާއްދާގެ (ރ) އާއި (ބ) އާއި (ކ) އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި 132 ވަނަ މާއްދާގެ (ކ) އިން ޤާނޫނުގެ ވެރިކަން Rule of Law ދެމެހެއްޓުމަށް ރައީސުލް ޖުމްހޫރިއްޔާއަށާއި، އެންމެހައި ވަޒީރުންނަށާއި، އެންމެހައި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމްކޮށްފައި ވެއެވެ.
ޤާނޫނަށްވުރެ މަތީގައި އެއްވެސް ދިވެހި ރައްޔިތެއް ނުވަތަ ޖަމާއަތެއް އޮވެގެން ނުވާނެއެވެ. އަދި ޤާނޫނު ހިނގަންވާނީ ހުރިހައި އެންމެންގެ މައްޗަށް ހަމަހަމަ ކޮށެވެ. އަދި ޤާނޫނު ތަންފީޛުވާންވާނީ އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އަދި އިންސާފުވެރި ތަރަހައެއްގެ މަތީގައި އެކުލަވާލެވޭ ޑިއު ޕްރޮސެސްގެ ތެރެއިންނެވެ.
ދެންފަހެ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އައި މަދަނީ ޖަމްޢިއްޔާއަކުން، އިސްލާމް ދީނަށް ތައުހީނުކޮށް، މާތް ﷲ ގެ ކުޅަދުންވަންތަކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް އަދި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ނަން ކިނލަބުވާފަދަ ގޮތަކަށް ރިޕޯޓް އެކުލަވާލާފައިވާތީ، އެ ޖަމްޢިއްޔާއިން ދިވެހިރާއްޖޭގައި ހެދިފައިވާ އެތައް ޤާނޫނަކާ ޚިލާފުވެފައިވާކަން ފާހަގަކޮށް، އެ ޖަމްޢިއްޔާ އުވާލުމަށާއި މި ރިޕޯޓު ނެރުމުގައި ޝާމިލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް، މި ޕާޓީއާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ދިވެހިރާއްޖޭގެ އެތައް ލައްކަ ރައްޔިތުންނެއް ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާއަށާއި މަސްއޫލުވެރި ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ސަރުކާރުގެ އަދި ޚާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވުނު ހިސާބުން ފެށިގެން، ޖަމްޢިއްޔާ ސަސްޕެންޑުކޮށް، ޖަމްޢިއްޔާއިން ހިންގި ޖަރީމާ ތަޙުޤީޤު ފަށާ، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި އަދި ތަކުރާރުކޮށް އެކި މަޙައްލުތަކުގައި ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަ ކުރަމެވެ. އަދިހަމަ އެހެންމެ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ހުރި އެންމެހައި ކަންބޮޑުވުމެއް އަޑުއެއްސެވުމަށް އެ ޢިލްމުވެރިންނާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރެވީ އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމުގެ މަތިންކަންވެސް ފާހަގަކުރަމެވެ.
ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި މި ދިވެހިރާއްޖެ އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު މިދައުލަތާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ކުރަމުން އަންނަ ޒަމާނެއްގައި، އަދި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ މަދަދުޤާރުންތަކެއް އެޖަމްޢިއްޔާގެ ދިފާޢުގައި ތިބިކަމީ ޝައްކެއްނެތި ހާމަވާން އޮތް ހަޤީގަތެކެވެ. ނަމަވެސް އަދުގެ ސަރުކާރުން މިއިން ނުފޫޒަކަށް ބެއްލެވުމެއްނެތި ޤާނޫނުގެ ވެރިކަން ނެގެހެއްޓެވިކަމީ މި ޕާޓީއާ ދިވެހި ރައްޔިތުންނަށް އަދުގެ ސަރުކާރުން، ވަކިން ޚާއްސަކޮށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވި ޔަޤީންކަމުގެ މަތީގައި އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ދެމިހުރިކަމުގެ ހެއްކެކެވެ. އަދި ފަސްޖެހުމެއް ނެތި ޤާނޫނުގެ ވެރިކަން ދަމަހައްޓަވައި ދިވެހިރާއްޖޭގެ ދީން ދިފާޢުކުރެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ޝުކުރު ދަންނަވަމެވެ.
ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނަށް ލޯބިކުރާ، ދީނުގެ ދިފާޢުގައި ކޮންމެ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބޭ ރައްޔިތެއްކަން ތާރީޚު ހެކިދެއެވެ. އަނދިރި ބާރުތަކުން ދޭ ކޮންމެ ހަމަލައަކުން ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި، މި ރާއްޖޭގެ ދީނާއި ރައްޔިތުންގެ އަޤީދާގެ ދިފާޢުގައި އެ ރައްޔިތުން، ސިޔާސީ ކުލައަކަށް އަތޮޅަކަށް ޖަޒީރާއަކަށް ބެލުމެއް ނެތި އެކީ އެއްބައެއްގެ ގޮތުގައި ތެދުވާނެ ބައެއްކަން އަނެއްކާވެސް މިވަނީ ސާބިތުކޮށްދެއްވާފައެވެ. އެކަން ހަނދާންނެތިފައިވާ ފަރާތްތަކަށާއި އޮޅިފައިވާ ފަރާތްތަކަށް އަލުން އެކަން ހަނދާންކޮށްދީ އޮޅުންފިލުވައި ދީފިއެވެ. ހަމަކަށަވަރުން މިއީ ދިވެހި ރައްޔިތުންގެ މަސައްކަތުގެ ނަތީޖާއެވެ. އިސްލާމް ދީނާއި ރާއްޖޭގެ ޤައުމިއްޔަތު ނަގަހައްޓައި ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ދިވެހިރައްޔިތުން ދެއްކެވި ނަމޫނާ އަށް މި ޕާޓީއިން ޝުކުރު ދަންނަވަމެވެ. އަދި ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ހަމަލާ ދިނުމަށް ފޫގަޅާލާފައި ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށް ގޮވާލަމެވެ.
وآخِرُ دَعْوَانَا أَن الَحمْدُ للهِ رَبِّ العَالَمِيْن، وَصَلَّى اللَّهُ وسلم عَلَى نبينا مُحَمَّدٍ وَعَلَى آلِه وَصَحْبِهِ أَجْمَعِيْن.
9 ރަބީޢުލް އައްވަލު 1441
6 ނޮވެމްބަރ 2019