• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

ޅެން: ކޮންމެ މީހަކީ މަސްޢޫލުވެރިއެއް

މެއި 8, 2016

 

ކޮންމެ މީހެއްވެސް ވަނީ މަސްޢޫލު މީހެއް ގޮތުގައޭ

ކޮށްއުޅޭ ހުރިހާ ކަމެއްގަ ސުވާލުވެވޭނޭ ގޮތުގައޭ

އަތްބަކަށް ވީނަމަ ގެޔާ ފިރިއެއްގެ ހުރިހާ ކަންކަމާ

ހަތްދަރީން ތިއްބަސް ބަލަން މަޖުބޫރުވާނޭ ގޮތުގައޭ

ފިރިއަކަށް ވީނަމަ އަނބީންނާ އަދި ދަރީންނާ ގެދޮރަށާ

ހިރިލެވޭނަމަ ޚަރަދުތައް ކޮށްދޭންޖެހޭނޭ ގޮތުގައޭ

އެއްހިތުން އެއްބާރުލައިގެން އެއް ޚިޔާލެއްގާ އެކީ

އެއް ޙާޔާތެއްގައި ވުމަށް އެއްބަސްވެފައިވާ ގޮތުގައޭ

ލިބިފަ ތިބި ހުރިހާ ކުދިންނަށް ލޯބިދިނުމާ ޚަރަދުވެސް

ލިބުނުވަރަކުން ވަކި ތަފާތެެއް ނެތި ކުރަންވާ ގޮތުގައޭ

ފެންވަރުން ލިބެވޭ ތިމާއަށް ދަތިނުވާނޭގޮތް މަތީ

އެންމެނައިގެން ދިރިއުޅުން ހަމަޖައްސަމުންދާ ގޮތުގައޭ

ހެޔޮ ރަނގަޅު އެއްޗެތި ޙަލާލުވިގޮތްމަތީ ހޯދައިދެމުން

ހެޔޮ ދުޢާ ކުޅައުން ވަނީވެސް އެންމެ ބޭނުން ގޮތުގައޭ

ދީނުގައި ވާ ގޮތް މަތީ ތަރުބިއްޔަތާ ތަޢުލީމު ދީ

ދީނަށާ ޤައުމަށް ވަފާތެރިވާ ޒުވާނުން ގޮތުގައޭ

ވިސްނަވަންވީ ޓީޗަރުން ހެޑުމާސްޓަރުން އިސްކޫލުތައް

އިސްނަގާނޭ ހަރުދަނާ ޖީލެއް އުފައްދާ ގޮތުގައޭ

ހުނަރުވެރި އަގުހުރި މަސައްކަތްތެރި ×ޒުވާނުންވެސް އެއީ

ނުހަނު ބޭނުންތެރި ބައެއްކަން ވިސްނަވަންވީ ގޮތުގައޭ

 

ކޮންމެ ފަންނެއް އުނގެނިގެންހުރި ކޮންމެ މީހެއްވެސް ވަނީ

ކޮންމެވެސް ބަޔަކަށް އުނގަންނައިދޭން ޖެހޭނޭ ގޮތުގައޭ

އެކި ތަފާތު މުއައްސަސާގައި އިސްވެރީންނާ ޚާދިމުން

ވަކި ތަފާތެއްނެތި ވަނީ ޚިދުމަތްކުރަންވާ ގޮތުގައޭ

ކޮރަޕްޝަން ނައްތާލުމަށް ބޭނުންވެފައި އަދު ވާކަމުން

ކޮންމެ މީހަކުވީ ނަޒާހަތްތެރި ކުރަންވާ ގޮތުގައޭ

ކޮންމެ ޒިންމާދާރު ވެރިއެއްނަމަ ވިޔަސް ދިން ގެއްލުމެއް

އޮންނަ ޝަރުޢީ ހަމަތަކުން އިންޞާފުކުރެވޭ ގޮތުގައޭ

ވެވުނު އިހުމާލުން ތަނަށް ލިބިފައިވިނަމަ ބޮޑު ގެއްލުމެއް

ދެވުނު ގެއްލުންވެސް ވަނީ ޒިންމާ ނަގަންވާ ގޮތުގައޭ

ކުލައަކަށް ޕާޓީއަކަށް ވަކި މޫނަކަށް ބެލުމާ ނުލައި

ކުލުނު ހުރެގެން އެންމެނަށް އެއްގޮތްވެވޭފަދަ ގޮތުގައޭ

ކަންކަމަށް މަސްޢޫލުކުރެވޭ އެކި މަޤާމަށް ޙައްޤުވާ

ކަންތަކަށް ލާއިޤު ހުނަރުވެރި މީހުނަށް ދޭ ގޮތުގައޭ

ޢަދުލު އިންސާފުން ޙުކުމް ކޮށްދޭންތިބޭ މީހުންވަނީ

ޢަދުލުވެރިވުން ކޮންމެހެން ލާޒިމު ވެފައިވާ ގޮތުގައޭ

ނޭނގިހުރެ ކުރުމާއި އެނގިހުރެގެން ނުބައިކޮށް ކުރެވުމުން

އޭގެ ސަބަބުން އާޚިރަތް ބަރުބާދު ވެވިދާ ގޮތުގައޭ

ޢަދުލުވެރިކޮށް އެނގި ޙުކުމް ކޮށްދެއްވި ފަނޑިޔާރުންވަނީ

ބަދަލުގައި ޖަންނަތުގެ ނިޢުމަތް ޙައްޤުވާފަދަ ގޮތުގައޭ

އެންމެ އިސްވެރިޔާވަނީ ދީނާއި ޤައުމުގެ ޚިދުމަތަށް

އެންމެހާ ކަންތައްތަކާ މަސްއޫލުވެރިވާ ގޮތުގައޭ

 

ވެރިކަމަށް އިސްވީ ދުވަހު އެކުރެއްވި ހުވަޔާ އެއްގޮތަށް

ވެރިއަކަށް ހުރިހާ ދުވަހު ކަންތައް ކުރަންވާ ގޮތުގައޭ

އާދެ ވެރިކަން ޢަދުލުވެރި ގޮތުގާ ކުރައްވާ ނަމަ ވަނީ

އާޚިރަތް ދުވަހުން ހިޔާ ޢަރުޝީގެ ދެއްވާ ގޮތުގައޭ

ލިބުނު ފުރުޞަތު ދުނިޔެއިން ހަމަ ކޮންމެ މީހަކު ވުން ވަނީ

ނިޢުމަތާމެދު ދެއްވިހުރިހާ ޝުކުރުވެރިވާ ގޮތުގައޭ

ހެޔޮ ޢަމަލު ގިނަ މީހުނަށް ނިޢުމަތް ސުވަރުގޭން ދެއްވުމާ

ހެޔޮ ޢަމަލު މަދުނަމަ ޖަހަންނަމަ ޙައްޤުވާ ފަދަ ގޮތުގައޭ

ދުނިޔެ ނިމިގޮސް މަޙްޝަރަށް އެންމެން ޖަމާވާ ދުވަހުގާ

އުނިއިތުރު ނުވެ ކުރި ޢަމަލު އިންޞާފު ކުރެވޭ ގޮތުގައޭ

ހެޔޮ ޢަމަލު ކަމުގާ ބެލޭނީ ހެޔޮ ނިޔަތް އޮތުމާ އެކީ

ހެޔޮ މަގަށް ދެއްކެވި ރަސޫލާއަށް ތަބާވާ ގޮތުގައޭ

ކުށްތަކަށް ތައުބާވުމާ  އަދި ހެޔޮ ޢަމަލުތަކުގައި ދެމިހުރުން

މުއްދަތެއްގައި ދިރިއެހުރި ވާޖިބުވެފައިވާ ގޮތުގައޭ

ކޮންމެ މީހަކު ދީނަށާ ޤައުމަށް ވަފާތެރިވުން ވަނީ

އެންމެނަށްވެސް ކޮންމެހެން ލާޒިމުވެފައިވާ ގޮތުގައޭ

ދީނަށާ ޤައުމަށް ޚިޔާނާތްތެރި ވެރީންނާ މީހުނަށް

ވާނެގޮތް އަޅުގަނޑު ވަނީ ލިޔުމަށް ނުކުޅެދޭ ގޮތުގައޭ

=ޢަދާލަތު ޕާޓީގެ މެންބަރެއް=

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress