ސަރުކާރުގެ މުއައްސަސާތަކުން ފިރިހެން މުވައްޒަފުންގެ ތުނބުޅި ބޭލުމަށް މަޖުބޫރުކުރަމުންދާ މައްސަލައާ ގުޅޭ
ނަންބަރު: AP/PR/2016/18
ނޫސް ބަޔާން
ސަރުކާރުގެ މުއައްސަސާތަކުން ފިރިހެން މުވައްޒަފުންގެ ތުނބުޅި ބޭލުމަށް މަޖުބޫރުކުރަމުންދާ މައްސަލައާ ގުޅޭ
ސަރުކާރުގެ ބައެއް މުއައްސަސާތަކުން ފިރިހެން މުވައްޒަފުންގެ ތުނބުޅި ބޭލުމަށް މަޖުބޫރުކޮށް، އެގޮތަށް ޢަމަލުކުރުމަށް ދެކޮޅުހަދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދިއުމަކީ ޢަދާލަތު ޕާޓީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިކަމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރުތައް ފާޅުކޮށް، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ސުންނަތް ދިރުވާ އާލާކުރުމަށް ހުރަސްއެޅުމަށާއި، އިސްލާމް ދީނަށާއި ދީނުގެ ނަބިއްޔާއަށް ލޯބިކުރާ މީހުން މުޖުތަމައުން އެކަހެރިކުރުމަށްޓަކައި ދުރާލާ ރާވާއިގެން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާއެކެވެ.
އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމާއި ސަރުކާރުގެ ސިޔާސަތުތަކާމެދު ފާޑުކިޔާ އިހުތިޖާޖުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ނިގުޅާގަނެ، ގިނަ ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމްޢިއްޔާތަކާއި އިސްލާމްދީން ކުރިއަރުވާ އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއިއެކި ގޮތްގޮތުން ހިމޭންކޮށް، އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީގައި ސާބިތުވެ ހިތްވަރާއެކު މަސައްކަތްކުރައްވާ ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޙް ޢިމްރާން ޢަބްދުﷲ ފަދަ ލީޑަރުން އަސްލެއްނެތް ދަޢުވާތައް އުފައްދާގެން ޖަލަށް ޙުކުމްކޮށް، ދިވެހިރާއްޖޭގެ ފިޤުހު އެކަޑަމީގެ ކުރީގެ ނައިބް ރައީސް އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުޙައްމަދު ޢިޔާޟު ފަދަ ޢާލިމުންގެ މައްޗަށް ދައުވާ އުފުލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދަނީ މިފަދަ ލާދީނީ ސިޔާސަތުތައް ދިވެހިރައްޔިތުންގެ މައްޗަށް ގަދަކަމުން ތަންފީޒުކޮށް، ދިވެހި މުސްލިމު ރައްޔިތުން އިސްލާމްދީނާ ދުރުކުރުމުގެ ނުރައްކާތެރި އެޖެންޑާ ހިންގަން މަގުފަހިކުރުމުގެ ބޭނުމުގައެވެ.
ޢަދާލަތު ޕާޓީ ދެކޭގޮތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ތުނބުޅީގެ މައްސަލައާ ގުޅުވައިގެން ވަޒީފާއިން ވަކިކުރުމަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާދެކޮޅަށް ދުރާލާ ރާވައިގެން ހިންގަމުންއަންނަ ނުރައްކާތެރި އެޖެންޑާއެއްގެ ފުރަތަމަ ފިޔަވައްސެވެ. މިކަމަކީ ކުރިޔަށް އޮތްތަނުގައި ހިންގަންއުޅޭ ކަންކަމުގެ ފެށުމެކެވެ. އެހެންކަމުން އިސްލާމްދީނުގެ ޢިލްމުވެރިންނަށާއި ދީނީ ޖަމްޢިއްޔާތަކަށާއި އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަށްޓަކާ މަސައްކަތްކުރައްވާ ފަރާތްތަކަށާއި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މި އަނިޔާވެރިކަމުގެ ކުރިމަތީގައި ފިސާރި ރަނގަޅަށް ސާބިތުވެ، ސުލްޙަވެރިކަމާއި އަމާންކަމާއެކު މި ލާދީނީ ސިޔާސަތުތަކާ ދެކޮޅުހަދާ މިފަދަ އެންމެހައި ސިޔާސަތުތައް ބަދަލުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ. އެހެން ނޫންނަމަ ވޭތުވެދިޔަ ތަނުގައި އިސްލާމްދީނުގެ ޙަޤީޤީ ދަޢުވަތު ފެތުރުމަށާއި މަތިވެރި ނަބަވީ ސުންނަތް ދިރުވާ އާލާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތުގައި ހޯދިފައިވާ ކުރިއެރުން ގެއްލި އަހަރުތަކެއް ކުރިން އޮތް ޙާލަތު އަނބުރާ އިޔާދަވެދާނެއެވެ.
އަދި ދަންނަވަމެވެ. ކަމަކަށްފަހު ކަމެއް ހައްދުންނެއްޓެމުންގޮސް ކަންކަން މިހާހިސާބަށް ވާސިލުވުމުން، ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރަކީ އިސްލާމްދީނަށް ނަސްރުދޭ ސަރުކާރެއްކަމަށް ދެއްކުމަށް ކުރަމުން އަންނަ މަސައްކަތް މުޅިން ފޭލިވެ، އެ ދަޢުވާ ދެމެހެއްޓުމަށް ހުރި އެންމެހައި ސަބަބުތައް ނެތިއްޖެ ކަމުގައިވެސް ޢަދާލަތު ޕާޓީން ދެކެމެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރަކީ އިސްލާމްދީނުގެ ހަމަތަކަށް ރިއާޔަތް ކޮށްގެން ސިޔާސާތުތައް ބައްޓަންކުރާ ސަރުކާރެއްކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ އަސްލެއްނެތްކަންވެސް މިފަދަ ކަންކަމުން ރަނގަޅަށް ސާބިތުވާކަން ފާހަގަކުރަމެވެ.
ޙައްޤަކާނުލާ ވަޒީފާ ނިގުޅައިގަނެވުނު ފަރާތްތަކަށް ހެޔޮރަޙްމަތް ލެއްވުމަށާއި ކެތްތެރިކަން ދެއްވުން އެދޭ ޙާލު އެ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީ ފާހަގަ ކުރަމެވެ. އަދި ނަބަވީ ސުންނަތުގެ މައްޗަށް އެފަރާތްތަކުން ބެހެއްޓި ޣީރަތްތެރިކަން އެއީ މަތިވެރި ނަމޫނާއެކެވެ.
30 ޛުލްޤައިދާ 1437
2 ސެޕްޓެމްބަރ 2016
[pdf-embedder url=“https://www.adhaalath.org.mv/wp-content/uploads/2017/01/APPR201618-Sarukaaruge-muassasaathakun-firihen-muvazzafun-thunbulhi-beylumah-majubooru-kuramundhaa-massala-aai-gulhey.pdf“]
Download PDF