ނޫސް ބަޔާން: ޢަދާލަތު ޕާޓީގެ ނާއިބް ރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ވަގުތުން މިނިވަންކުރުމަށް ގޮވާލުން!
ނަންބަރު: AP/PR/2017/17
ނޫސް ބަޔާން
ޢަދާލަތު ޕާޓީގެ ނާއިބް ރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ވަގުތުން މިނިވަންކުރުމަށް ގޮވާލުން!
ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭރުން އެއްވެސް ޙުއްޖަތެއްނެތި، ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ޢަދާލަތު ޕާޓީގެ ނާއިބް ރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ވަގުތުން މިނިވަންކުރުމަށް ކަމާގުޅޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ. ހަމައެހެންމެ ސިޔާސީ ނުފޫޒުގެ ސަބަބުން ފުލުހުން ހިންގާފައިވާ ޣައިރު ޤާނޫނީ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، 21 ޖުލައި 2017 ވަނަ ދުވަހު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޞުލްޙަވެރި ސިޔާސީ އެއްވުމުގެ ތެރެއިންނެވެ. ފުލުހުންގެ ޤާނޫނީ މައްސޫލިއްޔަތަކީ މިފަދަ ސުލްޙަވެރި އެއްވުންތަކުގެ ހަމަޖެހުމާއި އަމަން ބަލަހައްޓާ، މިފަދަ އެއްވުންތަކަށް އެއްބާރުލުން ދިނުންކަމުގައިވާހިނދު، ސަރުކާރުގެ ފަރާތުން، ސިޔާސީ ނުފޫޒުގެ ތެރެއިން، ކުރަމުންގެންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވެ، ދިވެހި ރައްޔިތުންގެ ފަރުދީ އަދި އަސާސީ މިނިވަންކަމަށް އަރައިނުގަތުމަށް ދިވެހި ފުލުހުންނަށާއި އަދި ސަލާމަތީ ބާރުތަކުގެ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ.
އަދި ހަމައެހެންމެ މިދެންނެވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ ޢާޒިމްވެސް ވަގުތުން މިނިވަންކުރުމަށް ގޮވާލަމެވެ. ޤާނޫނީ އެއްވެސް ޙުއްޖަތެއްނެތި އަލްފާޟިލް ޢަލީ ޢާޒިމް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ހިންގަމުންގެންދާ ޣައިރު ޤާނޫނީ އަމަލުތަކުގެ ތެރޭގައި ހިމެނިގެން ކަމުގައިވެސް ޢަދާލަތު ޕާޓީން ދެކެމެވެ.
އަދި ދަންނަވަމެވެ. ފުލުހުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތައް ނާޖާއިޒުގޮތުގައި ބޭނުންކޮށްގެން، ސަރުކާރުން ހިންގަމުންގެންދާ މިފަދަ ފިނޑި އަދި ޣައިރު ޤާނޫނީ ކަންކަމުގެ ސަބަބުން، މާތް ﷲ ގެ ވާގިފުޅާއެކު، ޢަދާލަތު ޕާޓީގެ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެސް މަސައްކަތަށް އެއްވެސް މިންވަރެއްގެ ހީނަރުކަމެއް ނައަންނާނެއެވެ.
28 ޝައްވާލް 1438
21 ޖުލައި 2017