ރައީސް މައުމޫން ސަރުކާރަށް ތާއިދުކުރެއްވުން ހުއްޓަވާލެއްވުމާ ގުޅޭ

ރައީސް މައުމޫން ސަރުކާރަށް ތާއިދުކުރެއްވުން ހުއްޓަވާލެއްވުމާ ގުޅޭ

ނަންބަރު: AP/PR/2016/24
ނޫސް ބަޔާން
ރައީސް މައުމޫން ސަރުކާރަށް ތާއިދުކުރެއްވުން ހުއްޓަވާލެއްވުމާ ގުޅޭ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމު، ރައީސް ޔާމީންގެ ސަރުކާރަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވުމަކީ ޢަދާލަތު ޕާޓީން މަރުޙަބާ ކިޔާކަމެކެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ސަރުކާރަށް، ޕީޕީއެމްގެ އިންތިޚާބުކުރެވިފައި އޮތް ރިޔާސަތުން ތާޢީދުކުރުން ހުއްޓާލާ، އެކަން ރައްޔިތުންނާއި ހަމަޔަށް ތިލަކޮށް، ފާޅުގައި ސަރުކާރަށް ފާޑުކިޔާ ހިސާބަށް ކަންކަން ދިއުމަކީ ރައީސް ޔާމީންގެ ސަރުކާރު ހައްދުފަހަނައަޅާގޮސް، ޤާނޫނުގެ ތަރަހައިން ނެއްޓިފައިވާ މިންވަރު ހާމަވާކަމެއްކަމުގައި މި ޕާޓީން ދެކެމެވެ.
ޤައުމުގެ މުއްސަނދިކަން ނުޙައްޤުން މަދުބައެއްގެ މުށުތެރެއަށްލެވި، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، ޤާނޫނީގޮތުން އެކުލެވިފައިއޮތް ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލަމުންދާ މިފަދަ ނާޒުކު ވަގުތެއްގައި ރައީސް މައުމޫނުގެ ނިންމެވުމަކީ ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތަށް ލިބުނު އިތުރު ބާރެއްކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ. ހަމައެހެންމެ ރައީސް މައުމޫނުގެ ނިންމެވުމާއެކު، މި ސަރުކާރު އިންތިޚާބު ކުރުމަށްޓަކާ ރައްޔިތުންގެ ގާތަށް ދިޔަ އެންމެހައި ފަރާތްތައް ސަރުކާރަށް ތާއީދުކުރުން ނިމުމަކަށް އައިސް، ރައްޔިތުން ސަރުކާރު އިންތިޚާބުކުރި ސަބަބު ގެއްލިފައިވާތީ ސަރުކާރުގެ ސިޔާސީ ހައިސިއްޔަތު ގެއްލި، ސަރުކާރުގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލުއުފޭ ޙާލަތު މެދުވެރިވެއްޖެކަން ވެސް ފާހަގަކުރަމެވެ.
ރައީސް މައުމޫން ސަރުކާރަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވުމަށްޓަކާ ދެއްކެވި ޙުއްޖަތްތަކަކީ ޢަދާލަތު ޕާޓީން 8 މާރޗް 2015 ވަނަ ދުވަހު ސަރުކާރަށް ކުރަމުން އައި ތާޢީދު ހުއްޓާލުމަށް މެދުވެރިވި ކަންކަންކަމަށް ވާތީއާއި، 16 މާރޗް 2015 ވަނަ ދުވަހު ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި ފާހަގަކޮށްފައިވާ ކަންކަން ކަމަށް ވާތީއާއި، އަދި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކާ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ޢަދާލަތު ޕާޓީގެ ސިޔާސަތެއްކަމުގައި ވެފައި، ސަރުކާރު ޤާނޫނުގެ ތަރަހައިގެ ތެރެއަށްގެނެސް ޤައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތުގައި ޕީޕީއެމްގެ މެމްބަރުން އިންތިޚާބުކޮށްފައިވާ ރިޔާސަތާއެކު ޢަދާލަތު ޕާޓީން މަސައްކަތްކުރާނެކަން މިފުރުސަތުގައި ހާމަކުރަމެވެ. ހަމައެހެންމެ މި މަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްވަރާއި ބުރަ މަސައްކަތް އިންތިހާޔަށް ބޭނުންވާނެކަންވެސް ފާހަގަ ކުރަމެވެ. އަދި އެކުވެރި ދަޢުލަތްތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ދިވެހި ރައްޔިތުންގެ މައްޗަށް އަދާކުރަންޖެހޭ މުހިންމު ދައުރެއްވާކަމުގައިވެސް މިޕާޓީން ޤަބޫލުކުރަމެވެ.
27 މުޙައްރަމް 1438
28 އޮކްޓޯބަރ 2016
[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2017/01/APPR201624-Raees-Maumoon-sarukaarah-thaaeedh-kurevvun-huttaalevvumaai-gulhey.pdf”]
Download PDF