ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއް ލަޠީފާ ދެކޮޅަށް ހިންގި ދަށުދަރަޖައިގެ ނާތަހުޒީބު ޢަމަލު ކުށްވެރިކުރުން
ނަންބަރު: AP/SEC/STMT/2023-002
الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:
ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއް ލަޠީފާ މަގުމަތިން ހަނގާކޮށް، އެމަނިކުފާނަށް ހުރަސްއަޅާ، ހަޑިހުތުރު ބަހުން މުޚާތަބުކޮށް އަނިޔާވެރިވުމަށް ގޮވާލާ ޕީޕީއެމް-ޕީއެންސީގެ މުޒާހަރާގެ ބައިވެރިން މިއަދު ހިންގި ދަށުދަރަޖައިގެ ހުތުރު ޢަމަލު ޢަދާލަތު ޕާޓީން ހަރުއަޑުން ކުށްވެރިކުރަމެވެ. މިއީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސްއަޅާ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަގުވައްޓާލުމަށް ހިންގި ފިނޑި ޢަމަލެކެވެ. ޢަދާލަތު ޕާޓީން ދެކެނީ މިއީ ހިނގަމުން މިދާ ރިޔާސީ ދައުރުގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލާ އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ ތެރެއަށް ޤައުމު އަނބުރާ ގެންދިޔުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ބިރުވެރި ސިގުނަލެއްކަމުގައެވެ.
މިފަދަ ފިނޑި ޢަމަލުތަކުގެ ސަބަބުން ޢަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިން އިސްލާމީ ދައުވަތުގެ މައިދާނުގައި ކުރައްވާ މަސައްކަތް ކުޑަވެސް ފަސްޖެހުމެއްނެތި ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ޢަދާލަތު ޕާޓީގެ މެންބަރުންނަށާއި ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަމެވެ.
وآخِرُ دَعْوَانَا أَنِ الْحَمْدُ للهِ رَبِّ العَالَمِيْن، وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِه وَصَحْبِهِ أَجْمَعِيْن.
25 ޛުލްޤައިދާ 1444ހ
14 ޖޫން 2023މ