އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ ފަރާތުން ނެރޭ ނޫސްބަޔާން
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސްއިންފޮމޭޝަން ކެމްޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއްނެތް ދޮގުތައްކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅުފަރާތްތަކުން ރާވަމުންދާކަމީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމެކެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓިކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަން މިފުރުސަތުގައި ފާހަގަކުރަމެވެ. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށްނަގަން މަސައްކަތްކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑިއަމަލެކެވެ.
ރާވާއިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާަތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެއެވެ. އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސް ކުރަމެވެ.