ނޫސް ބަޔާން: އިސްރާއީލުން ޣައްޒާގެ އަލް-އަހްލީ ޢަރަބް ހޮސްޕިޓަލުގައި ހިންގި ޤަތުލުއާންމު ކުށްވެރިކޮށް އިސްރާއީލުގެ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލުން
بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:
މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ ހިމެނޭ ފަލަސްޠީނާ ދެކޮޅަށް، އެ ބިމަށް ގަދަކަމުން ވެރިވެގެން އުޅޭ ޣައިރުޤާނޫނީ ޞިޙްޔޫނީ ދައުލަތުން ހިންގާ ރަޙުމެއްނެތް ލާއިންސާނީ އިސްތިޢުމާރީ ޢުދުވާން ޢަދާލަތު ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކުރުން އަނެއްކާވެސް ތަކުރާރުކުރަމެވެ.
ވަކިން ޚާއްޞަކޮށް މެދުނުކެނޑި 11 ދުވަސް ވަންދެން ވައިގެ މަގުން ހަމަލާދީ ފަލަސްޠީނުގެ ޣައްޒާ ސުންނާފަތިކޮށް، ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަޚަމްކޮށް، އެތަނަކީ އިންސާނީ ދިރުމަށް އެކަށީގެންނުވާ ތަނަކަށް ހަދާ، ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާއާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮދިނުމަށް ހުރަސްއެޅުމަށްފަހު އިސްރާއީލުގެ ޢަސްކަރިއްޔާއިން ޣައްޒާގެ އަލް-އަހްލީ ޢަރަބް ހޮސްޕިޓަލަށް ބޮންއަޅާ 500 އަށްވުރެ ގިނަ މީހުން ޝިހީދުކޮށްލުމަކީ އެއްވެސް މިންވަރަކަށް ދެބަސްވެ ދެކޮޅުހެދެންނެތް، ބައިނަލްއަޤުވާމީ ޤާނޫނުތަކަ ޚިލާފު ހަނގުރާމައިގެ ޖަރީމާއެކެވެ.
އިސްރާއީލުގެ މި ރަހުމެއްނެތް ޖަރީމާތައް ހުއްޓުވާ، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާ ބައިނަލްއަޤުވާމީ މުއައްސާކުން އެ މައްސަލަތައް ބަލާ ފިޔަވަޅުއެޅުމަށްވެސް މިފުރުސަތުގައި ޢަދާލަތު ޕާޓީން ގޮވާލަމެވެ. އަދި ހަމައެހެންމެ އިސްރާއީލުގެ ޢުދުވާނަށް ވާގިވެރިވެ ކުށެއްނެތް ކުޑަކުދިންމެރުމަށް އެހީތެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ހުޅަނގުގެ ޤައުމުތަކުން ވަގުތުން އެކަން ހުއްޓާލުމަށް ވެސް ޢަދާލަތު ޕާޓީން ގޮވާލަމެވެ.
وآخِرُ دَعْوَانَا أَنِ الْحَمْدُ للهِ رَبِّ العَالَمِيْن