• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި މުސްލިމް ކަންބަލުންނަށް!

            March 8, 2015

            ލިޔުއްވީ: މަރްޔަމް ޖަލީލު (އެމްޖޭ)

            އާދެ! މިއަދަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މި ދުވަހުގެ ފަޚުރަކީ ކަނބަލުން ކަމަށް ވުމާއެކު، އެކި ދިމާލުން އެކި ގޮތަށް ތަޢުރީފާ ޘަނާ ކިޔަމުން ދާއިރު ދުވަހުގެ އުފާވެރިކަން ދެގުނަ ކުރުމަށް ޓަކައި ތަފާތު ކުލަގަދަ ޙަރަކާތްތައް ރާވާ ހިންގައެވެ. އަންހެނުންގެ ޙައްޤުގައެވެ. ދުނިއެއަށް އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކު ކަނބަލުން އަދާކުރަން ޖެހޭ ޒިންމާ ތަކާ، ވަރުބަލި ކަމެއް ނެތި ކުރަމުންގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވެނީ ހަމަ އަހަރުގެ ތެރެއިން އެންމެ ދުވަހަކު ބާއެވެ؟

            މިއަދު ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު އިސްލާމް ދީނުގައި އަޅުގަޑުމެން އަންހެނުންނަށް ދެއްވާފައިވާ މަތިވެރި ދަރަޖަ އަށް ބަލާލުމީ މިވަގުތަށް ވަރަށް މުނާސަބު ކަމެއް ކަމުގައި ދެކެމެވެ. އާދެ! އަންހެން ދަރިއެއްގެ ޙައިޞިއްޔަތުގައި، އެދަރިފުޅު ހެޔޮލަފާ ޞާލިޙް، ޢިއްފަތްތެރި ތަޤްވާވެރި ދަރިއެއްގެ ގޮތުގައި ވެއްޖެ ނަމަ އެ އަންހެން ދަރިފުޅުގެ ސަބަބުން މައިން ބަފައިންނަށް ސުވަރުގޭން ދޮރުކޮޅެއް ހުޅުވިގެން ދެއެވެ. އަންބެއްގެ ޙައިޞިއްޔަތުގައި، ފިރިމީހާގެ މުދަލާ ގެދޮރަށް ރައްކާތެރިވެ، ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރިވެ، ޢިއްފަތްތެރި ހެޔޮލަފާ ޞާލިޙް އަންބެއްގެ ވާޖިބު އަދާކޮށް، ފިރިމީހާގެ އަތުގައި ހިފައިގެން ސުވަރުގެ ދިއުމުގެ އުއްމީގައި ހުރި ނިޔަނެތި އަނބިމީހާގެ ސަބަބުން އެކަނބުލޭގެ ފިރިމީހާގެ ދީނުގެ ދެބައިކުޅައެއްބައި ފުރިހަމަ ކޮށްދީފިއެވެ. ވިސްނަވާށެވެ. މި މަތިވެރި ދެ މަރުޙަލާ އަށް ފަހު މައެއްގެ ޙައިސިއްޔަތަށް އައުމުން، އެކަނބުލޭގެ ޤަދާރާ ޢިއްޒަތް މަތިވެރި ކުރައްވާ، މައިމީހާގެ ފައިތިލަދަށުގައި ދަރިފުޅަށްޓަކައި ސުވަރުގެ ލެއްވެވިއެވެ. ވީއިރު، އަޅުގަޑުމެންގެ މުސްލިމް އަންހެން ކަނބަލުންގެ ތެރޭން ބަޔަކު ނުކުމެ އެކި ފޯރަމް ތަކުގައި އެކި ޝަކުވާ ކުރަމުން މިގެންދަނީ ކޮން ޙައްޤެއް ނުލިބިގެންބާއެވެ.

            އާދެ! މިފަދަ ދުވަހެއް ފާހަގަ ކޮށް، އަންހެނުންގެ މަސައްކަތްތެރިކަމަށް އަގުކުރެވި އެވޯޑެއް ދެވުނު ކަމުގައި ވިޔަސް، ޙަޤީޤަތުގައި ކަނބަލުން އިޚްލާޞްތެރި ކަމާއެކު އަދާކުރާ އަގުބޮޑު ޚިދުމަތްތަކަކީ އޭގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނޭ މަތިވެރި ޚިދުމަތެވެ. އެހެން ކަމުން ރާއްޖޭގެ އެންމެހާ ލޮބުވެތި އުޚުތުންތުންނަށް ހިތުގެ އިޚްލާޞްތެރި ކަމާއެކު ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރާ މަރުޙަބާ އަރިސްކުރަމެވެ.

            މިފަދަ ދުވަހެއްގައި ފޮނި ބަސްތަކުން އަމުނާލެވޭ ތަހުނިޔާ އާއި މުބާރަކްބާދަށް ވުރެ، އަޅުގަޑުގެ ނަޒަރުގައި އިސްކަން ދޭން ޖެހެނީ ވޭތުވެދިޔަ އަހަރުގެ މިދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަޑުމެން ކަނބަލުންނަށް އެޅިފައިވާ ކަތި ފިޔަޅު ތަކުގެ ނިޝާންތައް ފޮހެލައި، ކުރިއަށް އޮތް މަރުޙަލާގައި އަޅާ ކޮންމެ ފިޔަވަޅެއް ވިސްނުންތެރިކަމާއެކު، އެޅުމަށް ޢަޒުމު ކަނޑައެޅުމަށް ވަޞިއްޔަތް ކުރުމަށެވެ. އެހެން ކަމުން މިއަދު ރާއްޖޭގެ ކަންކޮޅުތަކަށް ބަލާއިރު، އެކި ގޮތްގޮތުން އަނިޔާ ލިބޭ އަންހެނުންގެ ޢަދަދު އިތުރު ވެގެން ދާއިރު، އަދި މިއަޑުތައް ތަކުރާރުކޮށް އުފުލެމުން ދާއިރު، އިންސާފެއް ނުލިބި ކަރުނައިގަ ޙަޔާތް ވޭތުކުރަން ޖެހޭ ކަނބަލުންގެ ޢަދަދު މަދެކޭ ނުދެންނެވޭނެއެވެ. އަޅުގަޑުވެސް އިސްތިސްނާ ނުވާނޭހެން ދަންނަވަމެވެ. އަޅުގަޑުމެން ކަނބަލުންގެ ޙާލަތު މިދަރަޖައަށް ދިއުމުގައި އަޅުގަޑުމެންގެ އަމިއްލަ އިހްމާލްވެސް ވަކި ކުޑައެކޭ ނުދެންނެވޭނެއެވެ. ގިނަ ފަހަރަށް މިފަދަ ނޭދެވޭ ގޮތްތައް މެދުވެރިވެ ޙަޔާތުގެ ބޮޑުބައެއް ކަރުނަޔާއެކު ހޭދަ ކުރަން މެދުވެރި ވަނީ އަޅުގަޑުމެންނަށް މާތް ﷲ ޙަވާލުކުރެއްވި ވަޒީފާ އަށް ” ހޯމް މިނިސްޓަރ ” ގެ ޝަރަފުވެރި މަޤާމަށް އިހްމާލުވެ، އެހެން ގޮތްގޮތް ހޯދުމުގައި ޣާފިލުވެވޭތީ ކަމާމެދު ވިސްނާ ފިކުރު ކޮށްލަމާ ހިންގަވާށެވެ.

            އަޅުގަޑުގެ ލޮބުވެތި އުޚުތުންނޭވެ. ދުވަހުގެ މުނާސަބަތުގައި އަޅުގަޑުމެން ހިތާ ރޫޙުން އުފާކުރަމުން ދާއިރު، އަޅުގަޑުމެންގެ ތެރޭން ބައެއް ކަނބަލުން، އެނގުމާ ނޭގުމުގެ ތެރޭން ނަމަވެސް އަމިއްލަ ޢާއިލާ ރޫޅުމަށްއަމިއްލަ އަށް މަގުތައް ކޮށަމުންދާކަމީވެސް ހިތާމަހުރި ކަމަކެވެ. އަދި މިފަދަ ނުރައްކާތެރި ޢަމަލުތަކުގެ ތެރޭން މައެއްގެ މަސްއޫލިއްޔަތު ބައްޕަގެ ކޮނޑުގައި އަޅުވާ، ކުދި ކުދި މަޢުޞޫމް ތުއްތު ކުދިން މަންމަ އަށް އެދި ގޮވަގޮވާ އޮންނައިރު އެއްވެސް ރަޙުމެއްނެތި އެ ކުދިން މައެއްގެ ލޯބިން މަޙްރޫމްކޮށް، ފިރިމީހާގެ ބުރަމަސައްތުގެ ހުރިހާ ފޮނިމީރުކަމެއް ނިގުޅައިގަނެ، މިނިވަން ދޫންޏެއްފަދައިން އެކި ބަގީޗާތަކުގައި ރަނިކަންކުރާއިރު، ތިމާގެ ފަރާތުން ތިމާގެ އަމިއްލަ ދަރިންނާ ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް މިދެވެނީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ ވިސްނާލަމާހިންގަވާށެވެ. އަޅުގަޑުމެން ކަނބަލުންގެ ޙައްޤު ގެއްލި އަނިޔާ ލިބޭކަމުގެ ޝަކުވާގެ އަޑު އުފުލާއިރު، ފިރިންގެ ޙައްޤާއި ބައްޕައިންގެ ޙައްޤާ، ލިބެމުންދާ ބަރުދާސްތު ނުކުރެވޭފަދަ ހިތްދަތި އަނިޔާގެ ވާހަކަ ނުދެކެވޭނަމަ ހަމަ ކަމާ އިންސާފު ކޮބައިތޯއެވެ.

            އާދެ! މި ދުނިޔޭގެ ޙަޔާތަކީ ވަރަށް ކުރު ޙަޔާތެކެވެ. އަޅުގަޑުމެންގެ ނިމުން އަތުވެދާނެ ވަގުތު އެއްވެސް އިންޓެލިޖެންސަކަށް ހޯދައެއް ނުގަނެވޭނެއެވެ. އެނގޭހާވެސް ކަމަކީ މުއްދަތު ހަމަވާނެ ކަމެވެ. ނޭގެނީ ވަގުތެވެ. ވުމާއެކު މިއަދަކީ ޙަޔާތުގެ އައު ފެށުމެއް ކަމަށް ބައްލަވައި، ވޭތުވެ ދިޔަތަނުގައި އެނގުމާއި ނޭގުމުގެ ތެރެން ކުރެވިފައިހުރި ކުދި ބޮޑެތި ކުށްތަކަށް ތައުބާވެ، ނަފްސު ޠާހިރުކޮށް އިސްލާޙުގެ މަގަށް ރުޖޫޢަ ވުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

            އާދެ! އަޅުގަޑުގެ ދުޢާ އަކީ އަޅުގަޑުގެ ލޮބުވެތި މުސްލިމް އުޚުތުންނީ، ފިރިމީހާއާއި، މައިން ބަފައިން އަދި ދަރިންނާ،ބޭބެއިން ކޮއްކޮމެން ދައްތަމެން އަދި ޖުމްލަކޮށް މުސްލިމް އަކުންނާ އުޚުތުންގެ އަތުގައި ހިފައިގެން ސުވަރުގެ ދިއުމަށް މިއަދުން ފެށިގެން ޢަޒުމު ކަނޑަ އަޅާ، އެގޮތުގައި އަޅުގަޑުވެސް ހިމެނޭގޮތުން އެންމެހާ ލޮބުވެތި ކަނަބަލުންނަށް ޘާބިތުކަންމަތީ ދެމިތިބުމުގެ ހެޔޮތައުފީޤް މިންވަރު ކުރެއްވުމެވެ. އަދި އަޅުގަޑުގެ ލޮބުވެތި ތިޔަ އުޚުތުންނީ ހެޔޮބަސް އަހާ އެއަށް ޢަމަލު ކުރާ ހެޔޮލަފާ ޞާލިޙް ބައަކު ކަމުގައި ލައްވާށީ. އާމީން!

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©