• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ ސިއްޙީ ޙާލަތާ ގުޅޭ

            June 21, 2015

             

            ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ޖަލުގައި ބަންދުކުރެވިފައިވާ ޙާލަތުގެ ސަބަބުން ވަރަށް ގިނަ ސިއްޙީ މައްސަލަތަކާ އެމަނިކުފާނު ދަނީ ކުރިމަތިލައްވަމުންނެވެ. ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އަކީ ހަކުރު ބައްޔާއި ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ ސަބަބުން ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރައްވާ ބޭފުޅެކެވެ. ބަންދުކުރެވުނުފަހުން ކުރެވުނު ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން ލޭގެ ޕްރެޝަރާ ޔޫރިކް އެސިޑާ އަދި ކޮލޮސްޓްރޯލް ވަނީ ހުންނަންވާވަރަށްވުރެ މަތިވެފައެވެ. އަދި ހަރުތަނެއްގައި ނިދަންޖެހުމުގެ ސަބަބުން މައިބަދައިގެ މައްސަލަތަކެއް ކުރިމަތިވެ ސިއްޙީ ޙާލަތު އިންތިހާއަށް ދަނީ ގޯސްވަމުންނެވެ. މިމަޢުލޫމާތުތައް ވަނީ ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ގެ ޢާއިލާގެ ފަރާތުން އެމަނިކުފާނުގެ އަނބިކަނބަލުން ހޯމް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަނާ ޙިއްސާކޮށްފައެވެ.

            ޢަދާލަތު ޕާޓީން ދެކޭގޮތުގައި ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އާމެދު ޢަމަލުކުރެވެމުންދަނީ ޤާނޫނުއަސާސީގައި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރެއިން ޤާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނަފްސު ރައްކާތެރިކުރުމުގެ ޙާއްޤާއި 54 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްޤާއި 57 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ބަންދުކުރެވިފައިވާ މީހުންނާ އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ޙައްޤާ ޚިލާފަށެވެ. އަދި މިމައްސަލާގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ވާޖިބުތަކަށް އިހުމާލުވެފައިވާކަން ވެސް ފާހަގަކުރަމެވެ. ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ މައްޗަށް މި ބަރަކާތްތެރި ރަމްޟާންމަހު ހިންގަމުން ގެންދާ ޣައިރު ޤާނޫނީ އަނިޔާވެރި އަދި ލާއިންސާނީ ޢަމަލުތަކަކީ ޝަރީޢަތުގެ މަޖިލީހަށް ސާބިތުކޮށްދީފައިވާ ކުށަކާއި މަތިކުރުމެއްވެސް ނެތި އެމަނިކުފާނު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިކޮށްލުމަށްޓަކައި ރާވައިގެން ހިންގަމުންގެންދާ ލަދުވެތިކަންބޮޑު ޖަރީމާތަކެކެވެ.

            ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ބަންދުކޮށްފައިވަނީ ޝަރީޢަތްހިންގުމަށްޓަކައި ކަމަށްވީހިނދު، އެ ޝަރީޢަތް ހިންގާ ކޯޓުވަނީ ރިސެސްގައެވެ. އަދި ކުޑަމިނުން އެމައްސަލަ ބައްލަވާނެ ޤާޟީއަކުވެސް ނުވަތަ އެމައްސަލަ ބައްލަވާނެ ބެންޗެއްވެސް ކަނޑައެޅިފައެއް ނުވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2015/HC-A/203 ޤަޟިއްޔާގައި ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ގެ ސިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކުރައްވާ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. މިނިންމެވުމުގެ އަސާސުތައް އެހިނދަށްވުރެވެސް ބޮޑަށް މިހާރު ދެމިއޮތްކަން މި ޕާޓީއިން ފާހަގަކުރަމެވެ.

            ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ހިފާހައްޔަރުކޮށް ބަންދުކޮށްފައިވަނީ ޝަރީޢަތަށް ޙާޒިރުވުމަށް އެންގުމަކާނުލައެވެ. އަދި ޝަރީޢަތަށް ފިލާފާނެކަމަށް ތުހުމަތުކުރެވިގެންނެއްވެސް ނޫނެވެ. އަދި މެއި މަހުގެ އެއްވަނަ ދުވަހުވިޔަސް އަދި އެހެންދުވަހަކު ވިޔަސް ހިނގާފައިވާ ޤާނޫނާ ޚިލާފު އެއްވެސް ޢަމަލަކަށް އެމަނިކުފާނު މަގިފަހިކޮށް ހިތްވަރު ދީފައިނުވެއެވެ. އަދި ޓެރެރިޒަމްގެ އެއްވެސް ޢަމަލަކަށް އެއްވެސް އިރެއްގައި ހިތްވަރުދީފައި ނުވެއެވެ. އެމަނިކުފާނު ހަމައެކަނި ކުރެއްވި ކަމަކީ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ ޙައްޤުގެ ބޭނުން ހިއްޕެވުމެވެ. ވީމާ ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ހުރަގޭގައި ބަހައްޓަންޖެހޭ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ޢަދާލަތު ޕާޓީއިން ނުދެކެމެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ.

             

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©