ޝައިޚް ޢިމްރާން މިނިވަންކުރުމަށް ދީނީ ޢިލްމުވެރިން ސަރުކާރަށް ގޮވާލައިފި
ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ މިނިވަންކޮށް ދޫކޮށްލުމަށް، ދީނީ ޢިލްމުވެރިންތަކެއް ސަރުކާރަށް ގޮވާލައިފިއެވެ. ޝައިޚް ޢިމްރާން ޢަބްދުﷲ 12 އަހަރު ގެ މުއްދަތަށް ޖަލަށް ލާފައިވަނީ، 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު މާލެގައި ބޭއްވި ބޮޑު އެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކައިގައި، ހަމަނުޖެހުމަށްގޮވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ، ދައުލަތުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރެރިޒަމް ގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށްބުނެއެވެ.
ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ހިންގުނު ޝަރީޢަތުގައި އިސްލާމީ ޝަރީޢަތާއި ޚިލާފަށް ގޮސްފައިވާ ބައެއް ކަންކަން ހާމަކުރައްވަމުން 40 ދީނީ ޢިލްމުވެރިޔަކު ނެރުއްވި މި ބަޔާނުގައި އެބޭކަލުން ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ގެ މައްޗަށް އިއްވާފައިވާ ޙުކުމުގައި އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކުން ބަލާއިރު، ޖިނާއީ ދަޢުވާ އުފުލުމާއި ޖިނާއީ މައްސަލަތަކުގައި ޝަރީޢަތްހިންގުމާއި އަދި ޖިނާއީ މައްސަލަތަކުގައި ކުށްސާބިތުކުރުމުގެ އަސާސީ މިންގަނޑުތަކާއި އަރައިރުންވާ ކަންކަން ހުރިކަމަށް ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ މައްޗަށް ހިންގުނު ޝަރީޢަތުގެ މުޅި އިޖުރާއާތް ބިނާކޮށްފައިވަނީ، ތުހުމަތުކުރެވޭ ފަރާތާއި އަދި ދިފާޢީ ވަކީލުންނާވެސް ޙިއްސާ ނުކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކާއި އަދި ސުވާލުކުރެވޭނެ އެކަށީގެންވާ ފުރުޞަތު ނުލިބޭހެން ހުށަހެޅި ސިއްރު ހެއްކެއްގެ މައްޗަށް ކަމަށް ވާއިރު، އިސްލާމީ ޝަރީޢަތުގައި ހެއްކަކީ ބަޔާންވެގެންވާ ވާޟިޙް އެއްޗެއްކަމަށް އޮންނަ އުޞޫލާ އެކަން ފުށުއަރާކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ޖިނާއީ މައްސަލަތަކުގައި އެއްވެސް ޝައްކެއްނެތް މިންވަރަށް ކުށްސާބިތުކުރުމަށް އޮންނަ ހަރުދަނާ މިންގަނޑަށް ފެތޭމިންވަރަށް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ މައްޗަށް ކުށްސާބިތުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ޖާގައެއްނެތްކަމަށް އެބޭކަލުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ގެ މައްޗަށް އުފުލި ދަޢުވާގެ ޞީޣާ ބިނާކޮށްފައިވަނީ އޭނާ ފިޔަވައި ތިންވަނަ ފަރާތަކުން އެދުވަހު ހިންގި ޢަމަލުތަކެއްގެ މައްޗަށް ކަމަށްވާއިރު، އެ ޢަމަލުތައް ހިންގުމުގައި ޢިމްރާން ޢަބްދުﷲ ގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ބާރުއެޅުއްވުމެއް އޮތްކަމަށް ސާބިތުވެފައިނުވާ ހިނދު، އެ ދުވަހުގެ މުޒާހަރާ ނިމުނުފަހުން ހިނގައިދިޔަ ކަންކަމަށް އޭނާ ކުށްވެރިވާ ކަމަށް ކަނޑައެޅުމަކީ، އިސްލާމީ ޝަރީޢަތުގައި އެމީހަކު ނުކުރާ ކަމަކަށް އެމީހަކު ޒިންމާވާން ނުޖެހޭ އަދި ނުކުރާ ކުށަކަށް އަދަބުލިބެން ނުޖެހޭކަމަށް އޮންނަ އުޞޫލާ ޚިލާފުވާކަމެއް ކަމަށާއި، މައްސަލަ ސާބިތުކުރުމަށްޓަކައި ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ހަމަނުޖެހުމަށް ހިތްވަރުދެއްވިކަން ހާމަކުރުމަށްޓަކައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގެ ނުރަނގަޅު ތައުވީލުތައް އުފައްދައިގެން ހުށަހަޅާފައިވާ ހިނދު، ސާފު ޞަރީޙަ އިބާރާތުން ތަކުރާރުކޮށް ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާންކަން ނަގާނުލުމަށް އެތައްފަހަރެއްގެ މަތީން ގޮވާލާފައިވާ ގޮވާލުމަށް ރިޢާޔަތްކޮށްފައި ނުވުމަކީ އިސްލާމީ ޝަރީޢަތުގައި ޝައްކު އެކުލެވިގެންވާ ކަމަކުން ޔަޤީންކުރެވޭ ކަމެއް ނަފީނުކުރެވޭނެކަމަށް އޮންނަ އުޞޫލާވެސް ޚިލާފުކަމެއް ކަމަށް އެ ބޭކަލުން ހާމަކުރައްވައެވެ. ބަޔާނުގައި ޢިލްމުވެރިން އިތުރަށް ވިދާޅުވެފައިވަނީ، ކުށުން ބަރީއަވުމުގެ ފުރުޞަތަކީ އިސްލާމީ ޝަރީޢަތުގައި އެންމެ ފަހުވަގުތާހަމަޔަށްވެސް ތަނަވަސްވެފައި އޮންނަ ފުރުޞަތަކަށް ވާންޖެހޭ ކަމަށާއި، ޚާއްޞަކޮށް މިފަދަ ބޮޑު ޖިނާއީ ޝަރީޢަތެއްގައި ދިފާޢީ ހެކިހުށަހެޅުމުގެ ފުރުޞަތަށް ޝަރީޢަތުން އިންކާރުކޮށްފައި ވުމަކީ އިސްލާމީ ޝަރީޢަތުގެ މިންގަނޑުން ބަލާއިރު ޝަރީޢަތުގެ ޢަދުލުވެރިކަން އެކީ ނިގުޅައިގަނެވޭ ކަމެއް ކަމަށެވެ.
އެހެންކަމުން އިސްލާމީ ޝަރީޢަތުގެ މިންގަނޑުން ބަލާއިރު މިފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވޭތީއާ، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން، މެއި 1 ވަނަ ދުވަހު ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން ރާވައި ހިންގާފައިވަނީ އެހެން ބަޔަކުކަން ހާމަކޮށްފައިވާތީއާ، އެމަނިކުފާނު ހައްޔަރުކޮށް ތަހުޤީޤުކޮށް ޝަރީޢަތް ހިންގުމުގައި އަދި ކުށްސާބިތުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން، ޤާނޫނާ ޚިލާފަށް މީހުން ހިފާ ހައްޔަރުކުރުމާ ގުޅޭ މައްސަލަތައް ބަލާ އދ. ގެ ވޯކިންގ ގްރޫޕުން ވެސް ފާހަގަކޮށްފައިވާތީ، އެމަނިކުފާނު މިނިވަންކުރުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ލަސްނުކޮށް މިނިވަންކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އެބޭކަލުން ގޮވާލާކަމަށް މި ބަޔާނުގައިވެއެވެ.