ރިޔާސީ އިންތިޚާބު 2018 ގެ ޢަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އަޙްމަދު ނޫމާން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ރަނިންމޭޓު ފައިޞަލް ނަސީމަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ޢަދާލަތު ޕާޓީގެ ފަރާތުން ހިންގާ ކެމްޕޭން ޙަރަކާތްތަކުގެ މެނޭޖަރަކަށް، ޢަދާލަތު ޕާޓީގެ ޖެންޑަރ އާއި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީގެ ރައީސް އަޙްމަދު ނުޢުމާން ހަމަޖައްސަވައިފިއެވެ.
އަޙްމަދު ނުޢުމާނަކީ ރައީސް ވަޙީދުގެ ވެރިކަމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ފެނަކައިގެ ޗެއަރމަންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ”ޤައުމައިގެން ކުރިއަށް“ ކެމްޕޭނުގައި އަޙްމަދު ނުޢުމާން ވަރަށް އިސްދައުރެއް އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން އަޙްމަދު ނުޢުމާނަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސްޓިއަރިންގ ކޮމިޓީގައިވެސް ޢަދާލަތު ޕާޓީ ތަމްސީލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.