މިއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަހަރެއް – ޝިދާތާ
އިއްޔެ މެލޭޝިޔާގައި ދާތޯ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ އިންތިޚާބަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބީ ހޯދާނެ ފަހަރެއް ކަމުގައިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި އިންތިޚާބު ނިމިގެންދާއިރު ޔާމީނުގެ ދިފާއުގާއި ވާހަކަ ދައްކާނޭ އެންމެ މުއައްސަސާއެއްވެސް، ގާޒީއެއްވެސް، އަދި ފުލުހެއްވެސް ނުހުންނާނެކަމަށެވެ.
އެހެން ގައުމެއްގައި ހުރެގެން ދިވެހި ރައްޔިތުންނާއި ވާހަކަ ދެއްކޭކަމުގެ އުފާ ފާޅުކުރައްވަމުން އޭނާ ވިދާޅުވީ މިފަހަރުގެ ވޯޓަކީ ހުރިހާ ބިރުވެރިކަމާއި ފަސާދައިން ސަލާމަތް ވުމުގެ ގޮތުން ލާ ވޯޓެއް ކަމަށެވެ.
އެކަމަނާ ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން އިންތިޙާބު އިންސާފުވެރިކޮށް ކުރިޔަށް ގެންދަން ފުރުސަތުދޭނެކަމަށް އުއްމީދު ނުކުރެވުނު ކަމުގައި ވިޔަސް އިދިކޮޅު ފަރާތްތަކަށް ވޯޓު ގިނައިން ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަމަށާއި ރައީސް ޔާމީނު މިފަހަރު ޖެހޭނީ ވެރިކަމުން ފައިބަން ކަމަށެވެ. މިހެންކަމުން ހުރިހާ ރައްޔިތުންވެސް ހިތްވަރު ނަގާ ވޯޓުލައިގެން ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރަން ގޮވާލިއެވެ.
ކެމްޕޭނު ކުރުމުގައި އަރުއްވާ ކޮންމެ ރަށަކުން އެނގިވަޑައިންނަވަނީ ހުރިހާ ރައްޔިތުންވެސް ތިބީ މިނިވަންކަމުގެ އިންތިޒާރުގައި ކަމާއި މިކަމުން އުންމީދު ލިބިގެންދާ ކަމަށެވެ. އެދުވަސް އޮތީ ކައިރީގައި ކަމާއި ގުޅިފައިވާ ޕާޓީތަކުން ހިދުމަތް ދޭނީ ވަކި ސިޔާސީ ފިކުރަކަށް ނޫން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގައި އުޅޭ ދިވެހި ނޫން ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއި އެކީ ކަންކުރުމުގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް އަމާނާތްތެރި ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެލޭޝިޔާ ފަދަ ކުދިން ކިޔެވުމަށް ގޮސްއުޅޭ ގައުމުތަކުގައި ތިބޭ ދިވެހިން ކުރިމަތި ލަމުން އަންނަ ދަތިތައް އަޑުއަހާ، ހަމަހަމަ ކަމާއި އިންސާފާއި އެކީ ވަކި ސިޔާސީ ފިކުރެއްގެ ކުދިންނަށް ހާއްސަ ކުރުމެއްނެތި ހިދުމަތްދީ ހަމަހަމަކަން ޤާއިމްކުރާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.