އިންތިހާބު ކާމިޔާބު ކުރެވޭނީ ނަހަލާލު ފައިސާއަށް ނުހެއްލި – އަލީ ޒާހިރު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އިންތިހާބުގައި ނަތީޖާއަށް ބަދަލު ގެނައުމުގެ މަސައްކަތްކުރާ ބޭފުޅުން އެ ހެއްލެނީ ނާޖާއިޒް، ނަހަލާލު ފައިސާއަށް ކަމަށެވެ. އެއީ އަމިއްލަ މުސްތަގުބަލު ވިއްކާލަން ކުރެވޭ ކަމެއް ކަމަށާއި މި އިންތިހާބު ކާމިޔާބު ކުރެވޭނީ ހުރިހާ ރައްޔިތުންވެސް މިބާވަތުގެ ކަންތަކާ ދުރުވެ ތިބެގެންކަމަށެވެ.
މިއަދު ގިނަ ޒުވާނުން ހަލާކުގެތެރެއަށް ނެރެ އެއްލާލެވޭއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހިޔާލުގައި އެކުދިންނަށް ކުރެވިފައިވާ ކުޑަކުޑަ ޖިނާއީ ކުށެއްގެ ދަށުކޮށް މުޅި މުސްތަގުބަލު ފަނާކޮއްލުން ނުހިމެނޭކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެކުދިންވެސް ރަނގަޅު ގޮތުގައި މުޖުތަމައުއަށް އިޔާދަކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްގީގެ ނަމުގައި ބުރިޖު ހުޅުވި ދުވަހު އެ ހުޅުވުމަށް ހޭދަކުރި ފައިސާއަކީ އާދައިގެ ދެ ރަށެއްގައި ފުރިހަމަ ފެނާއި ނަރުދަމާގެ ނިޒާމް އެޅޭނެ ލާރި ކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ފައިސާ ނަގައިގެން މިފަދަ ވައްކަން ކުރާތަން ފެނިގެން ދާއިރު އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މިފަދަ ވައްކަމުގެ އަމަލެއް ނުފެންނާނެ ކަމީ ކޮންމެ ރައްޔިތެއްވެސް ގަބޫލު ކުރާ ކަމެއް ކަމަށެވެ. އަދި މި ގައުމަށް، ދޮގު ހަދާ، ވައުދު ނުފުއްދޭ ވެރިއެއް ބޭނުންނުވާ ކަމަށެވެ.
90% ރައްޔިތުން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކުގައި ކަމަށާއި، ރައީސް ޔާމީނަށް މިހާރު ކުރެވޭ ހަމައެކަނި ކެމްޕެއިންއަކީ އިންތިހާބު އޮޅުވާލާނެކަމުގެ ބިރު މީހުނަށް ދެއްކުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.