• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓާ ގުޅޭ!

            October 5, 2019

            ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި  މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން ދަންނަވަމެވެ. ގަދަކީރިތިވަންތަ މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ރައްބުވަންތަކަމާމެދު ޝައްކު އުފައްދާ، އެ އިލާހުގެ ވަޙީބަސްފުޅު ކީރިތި ޤުރުއާނުގެ ސައްޙަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދާ، އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި އެ މާތް ސާހިބާގެ މަތިވެރި ޝަޚްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، މި ދެންނެވި ރިޕޯޓުގައި ހިމަނާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި އަމަލަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމްނު އަމާންކަމާއި ދާޚިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލެއްކަން ފާހަގަކޮށް މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ޢަދާލަތު ޕާޓީއިން ކުށްވެރިކުރަމެވެ.

             

            އަދި މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ  4 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2003/1 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި،  އެ ޤާނޫނުގެ 20 ވަނަ މާއްދާއާއި،  ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށް ވާތީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ. ޖަމްއިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށް މި ޕާޓީއިން ދެކެމެވެ.

             

            މި ދެންނެވި ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ރިޕޯޓަކަށްވެފައި މި ރިޕޯޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ.

             

            މި ދެންނެވި ރިޕޯޓުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާއިމެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި މި ޕާޓީން ދެކެމެވެ.

             

            ހަމަ އެހެންމެ މި ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ މިކަމާ މެދު މި ޕާޓީން އިންތިހާޔަށް ކަންބޮޑުވަމެވެ. މި ދެންނެވި ކަންކަން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް “ސަރޓިފައިކުރެވިފައި ނުވާ” މަދަނީ ޖަމްއިއްޔާއަކާއި ހިއްސާކުރެވިފައިވަނީ ކޮންގޮތަކުންތޯބަލާ ތަހުގީގުކުރުމަށްވެސް އަދާލަތު ޕާޓީން ގޮވާލަމެވެ.

             

            އިސްލާމްދީނާ ގުޅުންހުރި އެއްވެސްކަމަކަށް ފުރައްސާރަ އާއި އިހާނެތިބަސް ރައްދުވާނެހެން ވާހަކަދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށްވެސް މި ފުރުސަތުގައި އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމްނު އަމާންކަން ގެއްލިދާނެ އެހެންވެސް ކަންކަމާއި ބަސްމަގު ޚިޔާރުނުކޮށް، ސުލްހަވެރި ގޮތުގައި ޤާނޫނީ ހަމަތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ގޮވާލަމެވެ.

             

             

            5 ޞަފަރު 1441

            4 އޮކްޓޯބަރ 2019

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©