ނޫސްބަޔާން: ވަކި ޝަޚްސަކަށް އަމާޒުކޮށްގެން ޤާނޫނު ފަރުމާކުރުން ކުށްވެރިކުރުން
ނަންބަރު: AP/PR/2016/09
ނޫސްބަޔާން
ވަކި ޝަޚްސަކަށް އަމާޒުކޮށްގެން ޤާނޫނު ފަރުމާކުރުން ކުށްވެރިކުރުން
ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ތިން ބާރުވަކިވެފައިވީ ހިނދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ހ) އިން ޤާނޫނު ހެދުމުގެ އެންމެހައި ބާރެއް މަތި ކޮށްފައިވާ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. އަދި ހަމަ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޢަމަލު ކުރަންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން، އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް ނޫން ކަމަށް ކަނޑައެޅި ބަޔާންވެފައި އޮތް ހިނދު މިހިނގާ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް ވަކި ފަރުދުންނަށް އަމާޒުކޮށްގެން ޤާނޫނަށާއި ޤާނޫނު އަސާސީއަށް ބަދަލު ގެންނަމުން ދާތީ އެކަމަކީ މިޕާޓިއިން ކުއްވެރިކުރާ އަދި ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ. އެހެނީ ޤާނޫނަކީ އެންމެންގެ މައްޗައް އާންމުވެ ޝާމިލް ވާ އެއްޗަކަށް ވީހިނދު ވަކި ފަރުދެއްގެ ޙައްޤެއް އުނި ކުރުމަށް ނުވަތަ މަސްލަހަތެއް ހިމާޔަތްކުރުމަށް ނުވަތަ ވަކި ފަރުދަކަށް ގެއްލުން ދިނުމަށް ނުވަތަ މަންފާއެއް ހޯދައި ދިނުމަށް، ޤާނޫނާއި ޤާނޫނު އަސާސީ ބައްޓަންކޮށް ބަދަލު ކުރުމަކީ، ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމަށް އޮތް ނުރައްކަލެކެވެ.
ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތަކުން ތަފާތު އެކިފަހަރު މަތިން ކަނޑައެޅިގެން ވަކި ފަރުދުންނަށް އަމާޒުކޮށްގެން ޤާނޫނާއި ޤާނޫނު އަސާސީއަށް، އެއްވެސް ވިސްނުމެއްނެތި ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން،
1. ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް މަޤާމުން ދުރުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2014/3 (ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނުނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)؛
2. ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން މަޤާމުން ދުރުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2014/40 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)؛
3. ނައިބު ރައީސް ކަމުގެ މަޤާމަށް އަޙްމަދު އަދީބް ޢައްޔަން ކުރުމަށްޓަކައި ޤާނޫނު ނަންބަރު 2015/16 (ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)؛
4. އަދާލަތު ޕާޓީގެ ރަޢީސް ޝައިޚް ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު ކުރުމަށްޓަކައި ޤާނޫނު ނަންބަރު 2015/32 ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު؛
5. ހިތަދޫ މެދު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީއާއި، ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޣަފޫރު މޫސާ، ޝަރަފްވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާތީ ލިބިލައްވާ އިނާޔަތް އުނިކުރުމަށްޓަކައި ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް)؛
6. ކިނބިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ރިޔާޟް ޝަރަފްވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާތީ ލިބިލައްވާ އިނާޔަތް އުނިކުރުމަށްޓަކައި ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް)؛ އަދި
7. ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތް އުނިކުރުމަށްޓަކައި ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް)
ފާހަގަ ކުރެވެއެވެ.
މިއީ އެއްވެސް ޒިންމާދާރު ކަމެއްނެތި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް، ޒާތީ ތަޢައްސުބަށް އިސްކަންދީގެން ވަކިބަޔަކު ރުއްސުމަށްޓަކައި އެބަޔަކު އަންގާ ގޮތަށް ހިންގަމުން އަންނަ ނިޒާމީ ޖަރީމާއެއް ކަމުގައި މިޕާޓީއިން ދެކޭކަން ހާމަކުރަމެވެ. އަދި ވަކި ފަރުދުންނަށް އަމާޒު ކޮށްގެން ޤާނޫނު ފަރުމާކުރުން ކުށްވެރިކޮށް، ޤާނޫނު އަސާސީއަށާއި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށް އިޙްތިރާމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރަމެވެ.
28 ޖުމާދަލްއާޚިރާ 1437
06 އޭޕްރިލް 2016
ޢަދާލަތު ޕާޓީ
[pdf-embedder url=“https://www.adhaalath.org.mv/wp-content/uploads/2016/04/DOC060416-06042016.pdf“]
Download PDF