• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސްބަޔާން: ސޯޝަލް ހައުސިންގ ގެ ގޮތުގައި ތަރައްޤީކޮށްފައިވާ ފްލެޓްތައް ދިނުމުގެ އުޞޫލަށާއި އަގަށް ގެނައި ބަދަލާ ގުޅޭ!

            April 10, 2016

            ނަންބަރު: AP/PR/2016/10

            ނޫސްބަޔާން

            ސޯޝަލް ހައުސިންގ ގެ ގޮތުގައި ތަރައްޤީކޮށްފައިވާ ފްލެޓްތައް ދިނުމުގެ އުޞޫލަށާއި އަގަށް ގެނައި ބަދަލާ ގުޅޭ!

            ސޯޝަލް ހައުސިންގ ގެ ގޮތުގައި ކުރީގެ ޢަރަބިއްޔާ ހުރިބިމުގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކާއި ގާކޮށީގައި ޢިމާރާތްކުރާ ފްލެޓްތަކަށް 5 އަހަރު ދުވަހުގެ ތެރޭގައި 2 މިލިޔަން ރުފިޔާ ދެއްކޭނެ ފަރާތްތަކަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމުމަކީ ޢަދާލަތު ޕާޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެކެވެ.

            މި ފްލެޓްތައް ލިބޭނެ ފަރާތްތައް ފައިނަލްކޮށް އެފަރާތްތަކަށް އެކަން އަންގާފައި އޮތުމުގެ ސަބަބުން 4 އަހަރަށްވުރެ ދިގުމުއްދަތަކަށް 300 އެއްހާ ޢާއިލާ މި ފްލެޓްތައް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ. ސޯޝަލް ހައުސިންގ ގެ އަމާޒަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން ކަމުގައި ވީނަމަވެސް ސަރުކާރުގެ މިފަދަ ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ގޯތިގެދޮރުގެ ކުލީގެ މައްސަލައަށް އެއްވެސްވަރެއްގެ ޙައްލެއްނުލިބި ބިންވެރިން އިތުރަށް ބިންވެރިވެ ނިކަމެތިން އިތުރަށް ނިކަމެތިވަމުންދާކަން ފާހަގަކުރަމެވެ. ފްލެޓްތައް ދިނުމުގެ އުޞޫލާއި އަގަށް ގެނައި މިބަދަލަކީ، ސަރުކާރުގެ އެހެންވެސް ކަންކަން ކުރިޔަށްގެންދާ ބީދައިން ކަރަޕްޝަނާއި ފަސާދައިގެ މަގުން، ވަކިބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްޓަކައި، ކުރިން ފްލެޓްތައް ލިބޭނެކަމަށް އަންގާފައިވާ ޢާއިލާތަކުގެ ޙައްޤުތަކަށް އެއްވެސްވަރަކަށް ރިޢާޔަތްކުރުމެއްނެތި، ހިންގާ ޖަރީމާއެއްކަމުގައި ތުހުމަތުކުރެވެއެވެ.

            މި ޕާޓީން ހޯދިހޯދުން ތަކުން ކަށަވަރުވެފައި ވަނީ އިސްވެދެންނެވި ފްލެޓްތަކަކީ އެ ފްލްޓްތައް ތަރައްޤީކުރި ކޮންޓްރެކްޓަރަށް ޕްރްޖެކްޓުގެ އަގުގެ ގޮތުގައި ރިސޯޓް ތަރައްޤީކުރާނެ ރަށަކާއި މާލެއިން ދެ ބިމެއް ދޫކޮށްގެން ތަރައްޤީކޮށްފައިވާ ފްލެޓްތަކެއް ކަމެވެ. އަދި ޕްރޮޖެކްޓު ކުރިޔަށްގެންދިޔަ މުއްދަތުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާހުރެ ޕްރޮޖެކްޓުގެ އަގަށް އައިސްފައިވާ ބަދަލުތައްވެސް ކުރީގެ ސަރުކާރުތަކުން ވަނީ ޚަލާސްކޮށްފައެވެ. އެހެންކަމުން މި ފްލެޓްތައް ދިނުމުގެ އުޞޫލާއި އަގަށް އެންމެ ފަހުވަގުތު ބަދަލުތަކެއް އަންނަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް މި ޕާޓީން ނުދެކެމެވެ.

            ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާ ލީޑަރުން ނުޙައްޤުން ހިފާހައްޔަރުކޮށް، މިނިވަންކަމާއެކު ސަރުކާރަށް ފާރަވެރިވާ މުއައްސަސާތަކުގެ މިނިވަންކަން ނިގުޅައިގަނެ، މަޢުލޫމާތު ފަތުރާ މީޑިޔާތަކަށް ބިރުދެއްކުމަށްފަހު ސީދާގޮތުން ޢާންމު ރައްޔިތުންނަށް ގެއްލުމާއި އަނިޔާ ތަޙައްމަލްކުރަންޖެހޭ، ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތައް އިތުރުވަމުން އައުމަކީ ދިވެހި ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމުގައި މިޕާޓީން ދެކެމެވެ. ހަމައެހެންމެ ބޯހިޔާވަހިކަމާ ގުޅުންހުރި ޤާނޫނުތަކަށް ހަރުދަނާ ބަދަލުތައް ގެނެސް، ކަރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ، ދެފުށްފެންނަ މަޝްރޫޢުތަކެއް ހިންގައިގެން ނޫނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް، ކުއްޔަށް އެކަށީގެންވާ ހެޔޮބަދަލުތަކެއް އައިސް، މެދުފަންތީގެ ޢާންމު ރައްޔިތުންނަށް އޭގެ ފޮނިމީރުކަން ލިބުމަކީ މުސްތަޙީލުކަމެކެވެ.

            03 ރަޖަބް 1437
            10 އޭޕްރިލް 2016

            ޢަދާލަތު ޕާޓީ

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2016/04/AP201610-Social-housing.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©