ޅެން: ކޮންމެ މީހަކުވެސް އެދޭނީ ހެޔޮލަފާ ދަރީން…
ހެޔޮލަފާ ދަރިފަސްކޮޅެއް ލިބުމީ ވަރަށްބޮޑު ނިޢުމަތެއް
ހެޔޮކަމާ ރަޙްމަތް އިތުރުވުމުގައި ލިބޭނެ ވަޞީލަތެއް
ކޮންމެ މީހަކުވެސް އެދޭނީ ލިބިފަތިބި ހުރިހާ ދަރީން
އެންމެ މޮޅު އަގުހުރި ދަރީންނަށް ވުން އެއީ ޠަބްޢީ ކަމެއް
ހޯދުމަށް ބޭނުންވަނީ ނަމަ ހެޔޮލަފާ އަގުހުރި ދަރީން
ހޯދަދޭން ފުރަތަމަ ވަނީ ދީނަށް ވަފާތެރި މަންމައެއް
ރަނގަޅު ބިމުގައި ރަނގަޅު މުޑުވަށް އިންދުމުން އެ ފަޅާ ގަހުން
ރަނގަޅު މޭވާ ލިބުމަކީ އެންމެން ޤަބޫލުކުރާ ކަމެއް
ދެއްވުމާއެކު ދަރިފުޅެއް އެކަމަށް ޝުކުރުކުރުމާއެކީ
ދެއްވި ހަދިޔާ ޤުދުރަތުން ވިސްނަންޖެހޭނެ އަމާނަތެއް
ނަން ކިޔުން ބޯ ބޭލުމާ އަދިވެސް ޢަޤީޤާ ކަތިލުމާ
އަންގަވާ ގޮތުގާ ނަބިއްޔާ ކޮށްދިނުން ހުރިހާ ކަމެއް
ދީނަށާ ދީނުގެ ބަހަށް އިސްކަންދެވޭ ތަޢުލީމަކީ
ދީނުގައި ސާބިތުވެ ހުރުމަށް ކޮންމެހެން ބޭނުން ކަމެއް
ފަންނަކުން އަގުހުރި ހުނަރުވެރި މީހަކަށް ހެދުމަށްޓަކައި
ކަންކަމަށް ހުޝިޔާރުވުން ތަމްރީނު ކޮށްދޭންވާ ކަމެއް
މުންކަރާތަށް ނުރުހުމާ ހެޔޮ ކަންކަމަށް ބައިވެރިވުމީ
ކޮންމެހެން ދަރިފުޅުގެ ތަރުބިއްޔަތުގަ ހިމަނަންވީ ކަމެއް
ދީނުގައި އެންގެވި ގޮތަށް ހެޔޮ ޢަމަލު ކުރުމާވެސް އެކީ
ދީން ނަހީކުރި ކޮންމެ ކަމަކުން ދުރުވުމީ ވާޖިބު ކަމެއް
ގިނަ ކުދީން ލިބުނަސް މައިންބަފައިންގެ ލޯތްބާ އަދި އެހީ
ވިނަމަ އެއްގޮތް ކުރުމުގާ ލިބެނީ ދަރީންނަށް ޢިބުރަތެއް
ހެޔޮ ރަނގަޅު އެއްޗެތި ދަރީންނަށް ހެޔޮ މަގުން ހޯދާދެމުން
ހެޔޮ ދުޢާ އެދަރީންގެ ދެ ޙަޔާތަށް ވަރަށް ބޭނުން ކަމެއް