• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސް ބަޔާން: އެމް.އެމް.ޕީ.އާރު.ސީ ގެ ކަރަޕްޝަންގެ މައްސަލައާ ގުޅޭ!

            January 31, 2016

            ނޫސް ބަޔާން

            އެމް.އެމް.ޕީ.އާރު.ސީ ގެ ކަރަޕްޝަންގެ މައްސަލައާ ގުޅޭ!

            2015 ވަނަ އަހަރު ފެންމަތިވި މޯލްޑިވްސް މީޑިއާ އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަންގެ ކަރަޕްޝަންގެ މައްސަލައަކީ ދިވެހި ތާރީޚުގައި ހިނގާދިޔަ މިފަދަ އެންމެ ބޮޑު އެއްމައްސަލަ އެވެ. ދިވެހިރާއްޖޭގެ ގިނަޢަދަދެއްގެ ރަށްރަށާއި ފަޅުފަޅާއި ރައްޔިތުންނަށް ޤުދުރަތުން ދެއްވާފައިވާ މުއްސަނދިކަމާއި އަދި މާލިއްޔަތު ރައްޔިތުންގެ ކިބައިން ނުޙައްޤުން ނިގުޅާގަނެ، ހިންގާފައިވާ ފަސާދައިގެ މިންވަރު އެތައް ސަތޭކަ މިލިޔަންޑޮލަރަށް އަރާކަމަށް ބެލެވޭ އިރު، އަދި މި ޖަރީމާ ހިންގާފައިވަނީ ތަކުރާރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގަމުންއައި އެތައް ޢަމަލުތަކެއްގެ ތެރެއިން ކަމަށް މިހާތަނަށް ޢާންމުވެފައި ހުރި މަޢުލޫމާތުތަކުން އެނގެން އޮތްއިރު، ސަރުކާރުގެ ތެރޭގައި ހިންގާ މިފަދަ ބޮޑެތި ކަންކަން ހިނގާކަން ނޭގުމަކީ ނުވަތަ އެނގިހުރެ ނުހުއްޓުވުމަކީ، ދިވެހި ރައްޔިތުންގެ މުދަލާއި ޚަޒާނާ ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށް، ދިވެހި ދައުލަތުގެ އެންމެމަތީ ވެރިކަން ޙަވާލުކޮށްފައިވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވުން ކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ.
            އަދި ދަންނަވަމެވެ. އެމް.އެމް.ޕީ.އާރު.ސީ ގެ ކަރަޕްޝަންގެ މައްސަލައާ ގުޅިގެން މީޑިއާގައި ޢާންމުވެފައިވާ މަޢުލުމާތުތަކަށް ރިއާޔަތްކުރާއިރު މި ޖަރީމާގެ މުގުލުގައި ތިބިކަމަށް ތުހުމަތުކުރެވޭ މީހުން ޙާޒިރުކޮށް މިމައްސަލާގެ ތަޙުޤީޤު މިހާތަނަށް ހިނގާފައި ނުވާކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ. އަދި މި މައްސަލާގައި އޮޑިޓަރ ޖެނެރަލް ހިންގަވާފައިވާ ޚާއްސަ އޮޑިޓް ނިމިފައިވާ ހިނދު، އެ ރިޕޯޓް ޢާންމު ނުކޮށް ލަސްވަމުން ދިޔުމިކީ މިމައްސަލާގެ ތަޙުޤީޤަށް ހުރަސްއެޅުމަށް ކޮންމެވެސް ފަރާތަކުން މަސައްކަތްކުރާކަމުގެ ތުހުމަތުކުރުމުގެ ފުރުސަތު އޮތްކަމެކެވެ.
            އިސްވެދެންނެވުނު ސަބަބުތަކަށްޓަކައި، ތިރީސް ޖަނަވަރީ ދެހާސް ސޯޅަވަނަ ދުވަހު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާ އެމް.އެމް.ޕީ.އާރު.ސީ ގެ ކަރަޕްޝަނާ ގުޅޭ މައްސަލަ އެންމެ އަހަންމިއްޔަތުކަންދޭ މައްސަލާގެ ގޮތުގައި ތަޙުޤީޤު ކުރުމަށް ގޮވާލަމެވެ. އަދި މިމައްސަލާގެ ތެރެއަށް ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭރުން ނުފޫޒުފޯރުވުމުގެ ފުރުސަތު ނުދިނުމަށްވެސް ގޮވާލަމެވެ.
            ދިވެހި ރައްޔިތުންނަށް މާތްﷲ ދެއްވާފައިވާ މުއްސަނދިކަން ފޭރިގަނެ، ދިވެހި ރައްޔިތުންގެ މާލިއްޔަތު ބަނގުރޫޓުކޮށްލުމުން، އަސާސީ ޚިދުމަތްތަކަށް ކުރަންޖެހޭ ހޭދަ އިތުރުވެ އެކަމުގެ ބުރަ ސީދާ ރައްޔިތުންގެ ޖީބަށް ކުރަންފަށާފައިވާ ހިނދު، އެންމެހާ ފަރާތްތަކުން މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދުށުމަށްވެސް މިފުރުސަތުގައި ދަންނަވަމެވެ. އަދި މިފަދަ ޖަރީމާތަކުގެ މުގުލުގައި ތިބޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޤާނޫނީ ފިޔަވަޅު ނޭޅޭނަމަ، މިފަދަކަންކަން ދުވަހަކުވެސް ނުހުއްޓޭނެކަން ވެސް ފާހަގަ ކުރަމެވެ.

            31 ޖަނަވަރީ 2016

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2017/01/APPR201603-MMPRC-ge-corruption-massala-aai-gulhey.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©