• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ދިވެހި ސިވިލް ސާވިސް ގައި މޫނުބުރުގާ މަނާކޮށްފައި އޮންނަ މައްސަލާއާ ގުޅޭ!

            July 14, 2016

            ނަންބަރު: AP/PR/2016/15
            ނޫސް ބަޔާން

            ދިވެހި ސިވިލް ސާވިސް ގައި މޫނުބުރުގާ މަނާކޮށްފައި އޮންނަ މައްސަލާއާ ގުޅޭ!

            ދިވެހިރާއްޖޭގައި އެއްތަނަކުން އެންމެގިނަ ވަޒީފާގެ ފުރުސަތު ލިބިދެނީ ދިވެހި ސިވިލް ސާވިސް އިން ކަމުގައި ވާހިނދު، ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް، އެކަނބަލުން އާންމުކޮށް ތުރުކުރައްވާ ހެދުމުގެ ބައެއްގެ ގޮތުގައި މޫނުބުރުގާ އެޅުން މަނާކޮށްފައި އޮންނަ އޮތުމަކީ ޢަދާލަތު ޕާޓީން ކަންބޮޑުވާކަމެކެވެ. ވަކިން ޚާއްސަކޮށް ބައެއް އަންހެން ބޭކަނބަލުން އެފުރުސަތު ބޭނުންވެގެން ތަކުރާރުކޮށް އެދެމުންދާހިނދު ވެސް، ކަމާގުޅޭ މުއައްސަސާތަކުން އެފުރުސަތު ދިނުމަށް އިންކާރުކުރަމުން ދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ.

            ދިވެހިރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތަކަށްވާހިނދު އިސްލާމްދީނުގެ ޝިޢާރެއް ފާޅުކުރުމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ވަޒީފާއަދާކުރުމުގެ އަސާސީ ޙައްޤު ހިފެހެއްޓި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ޤާނޫނީ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ޙައްޤުން މަޙުރޫމުވާންޖެހޭ ސަބަބެއް ނޫނެވެ. އަދި ދަންނަވަމެވެ. މިއީ އަންހެނުން މުޖުތަމަޢުގައި ބާރުވެރިކުރުމާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އަސާސްތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން ޤާބިލު އަންހެން ކަނބަލުންނަށް ކުރިއަރާ ދިއުމުގެ ފުރުސަތު ހަނިވުމުގެ އިތުރުން ސިވިލް ސާވިސްގެ ތެރެއިން ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ޤާބިލު މުވައްޒަފުން މަދުވުމަކީ އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ފޯރާނެކަމެކެވެ.

            ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ގެންގުޅޭ މިފަދަ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން، ތަފާތު ވިސްނުންތަކަށް ޖާގަލިބިދޭ، އަނެކާގެ ވިސްނުމާއި ފިކުރަށް އިޙްތިރާމު ކުރުމުގެ ރީތި ސިފަ ގެއްލި ދިވެހި މުޖުތަމަޢު ބައިބައިވަމުން ދާކަން ފާހަގަކުރަމެވެ. ޣައިރު މުސްލިމު ޤައުމުތަކުގައި މުސްލިމު އަންހެން ކަނބަލުންނަށް ކުރިމަތިލާން ޖެހިފައިވާ ބޭއިންސާފު އަނިޔާތަކާ ދިވެހި މުސްލިމް އަންހެން ކަނބަލުން، ދިވެހިރާއްޖޭގައި ކުރިމަތިލާން ޖެހުމަކީ ޤަބޫލުކުރެވޭކަމެއް ނޫނެވެ.

            އެހެންކަމުން، ޙައްޤުތަކާއި މިނިވަންކަން ލިބިދޭންޖެހެނީ ވަކި ފިކުރެއްގެ ވަކިގޮތަކަށް ހެދުންއަޅާ ބަޔަކަށް ކަމުގައި ދެކޭދެކުން ދޫކޮށް، ނިޒާމުގެ ތެރެއިން ރާވާގެން މޫނުބުރުގާއަޅާ އަންހެން ކަނބަލުންނަށް ވަޒީފާގެ ފުރުސަތު ހަނިކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެއްވެސް ތަފާތުކުރުމެއް ނެތި އެފުރުސަތު ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހަކޮށްދިނުމަށް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި ދަންނަވަމެވެ. މިފަދަ މައްސަލަތަކުގައި ވަކާލާތުކޮށް ޙައްޤު ހޯދަން މަސައްކަތް ކުރުމަކީ އަބަދުވެސް ޢަދާލަތު ޕާޓީ ނުހަނު ތަރުހީބުދޭ ކަމެކެވެ. އަދި ޙައްޤުތައް ލިބިގަނެ ކަށަވަރުކުރުމަށްޓަކައި މަސައްކަތްކޮށް ވަކާލާތުކުރާ އެންމެހާ ފަރާތްތަކަށް ޢަދާލަތު ޕާޓީގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް އޮންނާނެއެވެ.

            9 ޝައްވާލް 1437
            14 ޖުލައި 2016

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2017/01/APPR201615-Civil-service-gai-moonuburugaa-manaa-koffai-onna-mahsalayai-gulhey.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©