• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސް ބަޔާން: ރައީސް ޔާމީންގެ ވެރިކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނިތާ ދެއަހަރު ފުރުން

            May 2, 2017

            ނަންބަރު: AP/PR/2017/08
            ނޫސް ބަޔާން
            ރައީސް ޔާމީންގެ ވެރިކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނިތާ ދެއަހަރު ފުރުން

            ޢަދާލަތު ޕާޓީން އިސްނަގައިގެން 2015 ވަނައަހަރު މޭ މަހުގެ އެއްވަނަ ދުވަހު، ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް، ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކަރަޕްޝަނާއި ފަސާދަ ނިމުމަކަށްގެނެސް، ހަމަހަމަކަމާއި އަދުލުއިންސާފުގެ މަގަށް އެނބުރި ރުޖޫއަވުމަށް ގޮވާލާ ބޭއްވި މުޒާހަރާއަށް ދެއަހަރު ފުރިފައިވާހިނދު، އެ ދުވަސް ފާހަގަވެގެންދަނީ ދިވެހި ރައްޔިތުންގެ އެތައްހާސްބަޔަކު ސުލްޙަވެރިކަމާއެކު މަގުމައްޗަށް ނިކުމެ ސަރުކާރުގެ ސިޔާސަތުތަކަށް އިންކާރުކުރިދުވެހެއްގެ ގޮތުގައެވެ. ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ސުލްޙަވެރި ސިޔާސީ އެއްވުމާއެކު ރައީސް ޔާމީނުގެ ސަރުކާރުގެ ޙައިޞިއްޔަތު ގެއްލިފައިވާ ކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ. އާބާދީގެ ނިސްބަތުން އެހާ ގިނަ ރައްޔިތުން މަގުމައްޗަށް ނިކުމެ ޝުޢޫރު ފާޅުކުރަން މަޖުބޫރުވުމަކީ ޤައުމުގެ ކަންކަން ބޮއްސުން ލާފައިވާ މިންވަރު ހާމަކޮށްދޭކަމެއް ކަމުގައިވެސް ފާހަގަކުރަމެވެ.
            ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އިސްވެހުންނަވާ، ވާދަވެރި ސިޔާސީ އެހެން ފަރާތްތައް އެއްމޭޒުދޮށަށް ގެންނަވާ ފެއްޓެވި މަސައްކަތްޕުޅަށް ދެއަހަރު ފުރުނުއިރު، އެމަނިކުފާނު ޖަލުގޮޅީގައި ބަންދުކޮށްފައި ހުންނެވިނަމަވެސް، އެ މަސައްކަތްޕުޅު ހަލުވިކަމާއެކު ކުރިއަރާ ބޮޑެތި ކާމިޔާބީ އާހަމަޔަށް ވާޞިލުވެފައިވުމަކީ ޢަދާލަތު ޕާޓީން ނުހަނު ބޮޑަށް އުފާކުރާކަމެކެވެ. އެގޮތުން ރައީސް ޔާމީން ސިޔާސީ ގޮތުން އެކަހެރިވެ، ވެރިކަންކުރާ ޕާޓީ ދެފަޅިވެ، ޚުދު އަމިއްލަ ކެބިނެޓު އެކިގޮތްގޮތަށް ފުރޮޅެމުންގޮސް ސިޔާސީގޮތުން ތަޖުރިބާނެތް ބޭފުޅުންކޮޅަކާއެކު ވެރިކަން ކުރައްވަން ޖެހިފައިވުމަކީ މިއަދުގެ ސިޔާސީ ޙަޤީޤަތެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީނަށް އެއިރު އޮތް މާސިންގާ އަޣުލަބިއްޔަތު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީވެސް ނުހިފެހެއްޓި، މަޖިލީހުގެ ކަންކަން ނިންމުމަށްޓަކައި ސަލާމަތީ ބާރުތަކުން މަޖިލީސްކުރާގެއަށް ވަދެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ދަމާނެރިގެން ނޫންގޮތަކަށް ރައީސް ޔާމީން ބޭނުންފުޅުވާކަންކަން ޙާސިލް ނުވާކަން މިއަދާހަމަޔަށް ވަނީ ހާމަވެގެން ގޮސްފައެވެ.
            އަނިޔާވެރިކަމާދެކޮޅަށް ބޭއްވި މުޒާހަރާގައި ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ ސަރުކާރުގެ ކަރަޕްޝަން ހައްދުންނެއްޓިގެން ގޮސްފައިވާ މިންވަރުކަމުގައި ވާހިނދު، ސަރުކާރުން ހިންގާފައިވާ ވައްކަމުގެ މުއާމަލާތްތައް ބޭޒާރުވެ، އެކަންކަން ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ މީޑިޔާއިން ކަވަރުކޮށް މުޅިދުނިޔެއަށް ފެންނާނެހެން ޑޮކިޔުމަންޓް ކޮށްފައިވާހިނދު، ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ކުރެއްވި ހުރިހާ ތުހުމަތުތަކެއްވެސް ފުރިހަމަ ހެއްކާއެކު ހާމަވެފައިވާތީ އާއި އަދި ހަމަނުޖެހުމަށް ހިތްވަރުދިނުމުގެ ދޮގުއިލްޒާމުގައި އެމަނިކުފާނުގެ މައްޗަށް 12 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވީނަމަވެސް، އޭގެ ފަހުން ޚުދު ރައީސް ޔާމީން އެކުލަވާލެއްވި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކޮށްފައިވާ ހެކިތަކުން ދަލީލުކޮށްދެނީ ސަރުކާރުން ރާވައިގެން މުޒާހަރާގެ ސުލްޙަވެރިކަން ނަގާލަން މަސައްކަތްކޮށްފައިވާކަން ކަމަށްވާތީ އެމަނިކުފާނު ނުޙައްޤުން ބަންދުކޮށްގެން ގެންގުޅެންޖެހޭ ކަމަށް ސަލާމަތްބުއްދިއަށް ޤަބޫލުކުރެވޭ އެއްވެސް ސަބަބެއް މިވަގުތު ނެތްކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. އެހެންކަމުން ދަޢުލަތުގެ މުއައްސަސާތަކަށް ނުފޫޒުފޯރުވައިގެން އެމަނިކުފާނުގެ މައްޗަށް އަނިޔާވެރިވުމުގެ ބަދަލުގައި މިހިނދުން މިހިނދަށް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ މިނިވަންކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.
            ސަރުކާރުގެ އިސްވެ ދެންނެވުނު ސިޔާސަތުތަކާއި ޢަމަލުތަކުގެ ސަބަބުން، ދިވެހި އިޤްތިޞާދު ވަޅުޖެހި، މުޖުތަމަޢުގެ އަމާންކަން ގެއްލި، ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އުފާފާގަތިކަން ބީވަމުންދާ ހިނދު، އަނިޔާވެރިކަން ތާއަބަދު ދެމިނުއޮންނާނެކަމާއި، ވާދަވެރި ސިޔާސީ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން، މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ޤައުމު އަމާން އަދި ހަމަޖެހޭ އުފާފާގަތި އައްސޭރިއަކަށް ގެންދެވޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.

            6 ޝަޢުބާން 1438
            2 މެއި 2017

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©